މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސަސްޕެންޝަންގައި ތިއްބެވި ޔޫތް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި މަލްޝާއާއި ޝިއުނާ މަގާމުން އިސްތިއުފާ ދެއްވީ މިއަދެވެ. އެ ދެ މީހުން ސަސްޕެންޝަންގައި ތިބެ މުސާރަ ނަގަމުންދާތީ ގިނަބައެއްގެ ފާޑު ކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.
ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ޝިއުނާއާއި މަލްޝާ އިސްތިއުފާ ދެއްވި ސަބަބެއް އެ ދެ މީހުން އަދި ހާމައެއް ނުކުރެ އެވެ.
ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން މަލްޝާއާއި ޝިއުނާ ސަސްޕެންޑް ކުރަން ސަރުކާރަށް މަޖުބޫރުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމަތްކޮށް، ފުރައްސާރައިގެ ޓުވީޓުތަކެއް ކުރުމުގެ ސަބަބުން އެ ގައުމުގެ އާންމުންނާއި ސިޔާސީ ބޭފުޅުން ރާއްޖެ ބޮއިކޮޓް ކުރަން ބޮޑު ކެމްޕެއިނެއް ފެށުމުންނެވެ.
ނަމަވެސް އެކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ ޑެޕިއުޓީންގެ ވާހަކަތަކަކީ ސަރުކާރުގެ ސްޓޭންޑް ނޫން ކަމަށާއި ސަރުކާރުގެ ސްޓޭންޑަކީ އިންޑިއާ އާއެކު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ދެމެހެއްޓުން ކަމަށެވެ.
އިންޑިއާގެ ރައްޔިތުން ރާއްޖެއާ ދެކޮޅަށް ފެށި ކެމްޕޭނުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފަ އެވެ. އެކަމުގެ ކަންބޮޑުވުން ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރިވެރިން ވަނީ ފާޅުކޮށްފަ އެވެ.
ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަކީ 18،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 12،500 ލިބޭއިރު މޯބައިލް ފޯން އެލަވަންސް ގޮތުގައި އިތުރު 1،000 ރުފިޔާ ލިބެ އެވެ.

ގުޅުންހުރި
ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ ދިވެހި ޓީޗަރުގެ ބަންދަށް 30 ދުވަސް
ސްޓެލްކޯގެ 500،000 ގަސް އިންދުމުގެ ޕްރޮގްރާމް: 74،000 އަށްވުރެ ގިނަ ގަސް
ފީފާގެ ރައީސް އާއި ރައީސް މުއިއްޒުގެ ފުޓްބޯޅަ މެޗެއް މާދަމާ
2 ނޮވެންބަރަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
ޒާހިރު، ޝަހީމަށް: ރިބާގެ ހުތުބާ އާއި ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ހުތުބާ
ދެ ޓީޗަރަކު ދަރިވަރުން ގައިގައި އަތްލި މައްސަލަތަކެއް، ބިދޭސީ ޓީޗަރަކު ހައްޔަރަށް