ހިޔާ ފްލެޓަކުން ސަލާމަތް ކުރަން ގޮވައި ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށް، ދެ މީހަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގެ ތެރެއިން ސަލާމަތް ކުރުމަށް އެދި ގޮވައި ރޮމުންދިޔަ އަންހެނަކު ފުލުހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި ސަލާމަތް ކުރުމަށް އެދި އަންހެނަކު ގޮވައި، ރޯ އަޑު އިވޭތީ ފުލުހުން އެޓެންޑުވި ކަމަށެވެ. އަދި ފުލުހުން ގޮސް އެޕާޓްމަންޓުގެ ދޮރު ހުޅުވަން ބުނުމުން ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕައި ތަޅުލި ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އަނެއްކާވެސް އެ އަންހެން މީހާ ސަލާމަތަށް އެދި ހަޅޭއްލަވާތީ ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އެޕާޓްމަންޓަށް ފުލުހުން ވަދެ އަންހެން މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ހ. ލާމިޔާ، އަހުމަދު އުވެއިސް (20އ.) އަދި މއ. ތްރީ މޫންސް، މުހައްމަދު މުމީތް (39އ) އެވެ.

އެ އަންހެން މީހާ ސަލާމަތަށް އެދި ގޮވީ ކީއްވެގެން ވެގެން ކަމެއް އަދި އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ކޮށްފައި ހުރި ކަމެއް ފުލުހުން ނުބުނެ އެވެ. އަދި ހައްޔަރުކުރި ދެ މީހުންނާ އަންހެން މީހާއާ އެއްވެސް ގުޅުމެއް އޮންނަ ކަމެއް ފުލުހުން ނުބުނެ އެވެ.

ނަމަވެސް ”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ދެ މީހުން ތިބީ މަސްތުގެ ހާލަތުގަ އެވެ.