އޮކްޓޯބަރ 11, 2024

ރާއްޖޭގެ ސުކޫކް ޑިފޯލްޓްވުމުން ސަލާމަތްކޮށްދޭނަން: އިންޑިއާގެ އޮފިޝަލުން

ރާއްޖެއަށް ސުކޫކަށް ފައިސާ ނުދެއްކި، ޑީފޯލްޓްވުމުގެ ނުރައްކާ އޮތް މިދަނޑިވަޅެއްގައި އެކަމުން ސަލާމަތްކޮށްދިނުމުގެ ބޭނުމުގައި އިންޑިއާއިން އޮތީ މާލީ އެހީ ދޭން ތައްޔާރަށް ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އޮފިޝަލަކު ”އިކޮނޮމިކް ޓައިމްސް“ އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާޜްބީއައި) މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވެޕް ފެސިލިޓީގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެގްޒިމް ބޭންކު މެދުވެރިކޮށް ރާއްޖެއަށް ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް މެދުވެރިކޮށް ރާއްޖެއަށް ލޯނު ލިބެން ހުންނާނެ ކަމަށެވެ.

ރާއްޖެއަށް މަލީ ގޮތުން އެހީތެރިވެދޭން އިންޑިއާ ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވިއިރު ރައީސް ޑޜ. މުހައްމަދު މުއިއްޒު ވެސް ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަނާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތު ގޯސްވެފައިވާއިރު، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން  ސީއޭއޭ2އަށް ދަށް ކޮށްފައެވެ. މިދިޔަ މަހު ފިޗްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން ސީސީސީ ޕްލަސްއިން ސީސީއަށް ދަށްކޮށްފައެވެ.

ރޭޓިން ދަށްކުރީ ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރުވުމުންނެވެ. އެގޮތުން އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން، ރާއްޖޭއިން ވިއްކާފައިވާ ސުކޫކެއް ޑިފޯލްޓްވުމުގެ ފުރުސަތު އޮތްކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް މިމަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ވަނީ އިންވެސްޓަރުންގެ އެކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.