އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، އެ ގައުމުގެ ޕާސްޕޯޓް ރާއްޖެއިން މަނާކުރުން ލަސްވެއްޖެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
އެ ބިލު ބަލައިގަނެ، 241 ކޮމިޓީއަށް ފޮނުވުނީ މަހެއްހާ ދުވަސް ފަހުން މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް އެ ފަހުން އެ ބިލުގެ އެއްވެސް މަސައްކަތް ކޮށްފައެއް ނުވެ އެވެ.
އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު ކެބިނެޓްގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މަޖިލީހުން ޗުއްޓީއަށް ދިޔައިރުވެސް އެކަމާމެދު ގޮތެއް ނިންމާފައި ނުވާއިރު އެކަން ލަސްވެއްޖެ ކަމަށް ގަބޫލުކުރައްވަންތޯ އާއި އެކަމާމެދު ކަންބޮޑުވަންތޯ ޝަހީމްއާ ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ފުރަތަމަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާ ގުޅޭ ކަމެއްގައި އޭނާ ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމަކަށް ނުވެދާނެ ކަމަށާއި އެކަމާމެދު ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
”އެކަން ލަސްވެފައިވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކަންތައްތައް ކުރިއަށްދާނީ. އެހެންނޫންތޯ،“ ލަސްވެއްޖެ ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، މިދިޔަ 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު އިސްނަންގަވައިގެން ފަލަސްތީނަށްޓަކައި އެ ކުރެއްވި މަސައްކަތްޕުޅުތައް އިސްލާމިކް މިނިސްޓަރެއްގެ ހައިސިއްޔަތުން އަގުވަޒަން ކުރައްވާ ކަމަށެވެ.
އެގޮތުން ބައިނަލްއަގުވާމީ އެކިއެކި ރަސްމިއްޔާތުތަކާއި ބައްދަލުވުންތަކުގައި ރައީސް އަމިއްލަފުޅަށް ފަލަސްތީންގެ ދިފާއުގައި ވަރަށް ވަރުގަދައަށް އަޑުއުފުއްލަވަމުން ގެންދަވާ ކަމަށެވެ. އަދި ފަލަސްތީން ރައްޔިތުންގެ ދިފާއުގައި އަޑުއުފުލުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެއް އަސާސު ކަމަށްވެސް ވިދާޅުވި އެވެ.

8 Comments
ގުޅުންހުރި
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުން: ކޮންމެ ގޯއްޗަކަށް ގެއެއް، ފައިސާ ވެސް
ވަޒީފާ ހޯދުމަށް ވަގު ސެޓްފިކެޓު ހުށަހަޅާ މައްސަލަތައް ފުލުހުން ބަލަނީ
ވެރިކަން ނިމެންދެން ޔާމީން ދިޔައީ ވިލާއަށް އަނިޔާވެރިވަމުން: ގާސިމް
ދައުލަތަށް 42 އަހަރު ހިދުމަތް ކުރެއްވި އުތީމު އާދަމްބެއަށް ނިޝާން ދިޔަމިގިލީގެ
ޝަރަފުވެރިކަމުގެ އިނާމު ޝައިހް އިސްމާއިލް، މައުރޫފް އަދި މެޒޯ މުހައްމަދުގެ ހަނދާނަށް
މިނިވަންކަމުގެ ނަމުގައި ބޭނުންހާ އެއްޗެއް ލިޔެ ނުހެދޭނެ: ރައީސް