އޮކްޓޯބަރ 3, 2024

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ވަނީ ހުރަސް އެޅިފައި: ރައީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި، ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، އިގްތިސޯދަށް ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ.ގައި އާންމު މަޖިލީހުގައި މިއަދު ބޭއްވި ގެ ލޮނުގަނޑު އުފުލުމާ ގުޅޭ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ 1989ގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ރާއްޖެއިން ވަނީ ކޮންފަރެންސެއް ބާއްވައިފައި ކަމަށެވެ. ރައީސް ވިދާޅުވީ އެ ކޮންފަރެންސްގައި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އިންސާނިއްޔަތަށް ހުރި އާންމު ކަންބޮޑުވުމެއްގެ އިތުރުން، ތަރައްގީއަށް ވެސް އޮތް ގެއްލުމެއްގެ ގޮތުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

”މުސޫމަށް މިއަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުންނާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އެބަ ނޭދެވޭ އަސަރުކުރޭ. އަޅުގަނޑުމެންގެ ތަރައްގީ މިވަނީ ހުރަސް އެޅިފައި އަދި އިގްތިސޯދަށް ނުރައްކާވެފައި“ ރައީސް ވިދާޅުވި އެވެ.

ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަފާފަތާއި ތަރިކައަށް ވެސް ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން، ދެމެހެއްޓެނިވި އަވަސް ހައްލުތަކެއް ހޯދުމަށް ރައީސް ގޮވައިލެއްވި އެވެ.

”މޫސުމަށް އަންނަ ބަދަލުތައް އަދި އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، ދުނިޔެ ގުޅިގެން ކުއްލި އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއް. އެ ފިޔަވަޅުތަކަކީ، އައްސޭރިފަށުގެ މުޖުތަމައުތަކާއި ކުދި ޖަޒީރާ ގައުމުތަކުގެ އެޑެޕްޓޭޓިވް ކެޕޭސިޓީ އިތުރުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ހައްލުތައް ހޯދުމަށް ކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދަ އިތުރުކޮށް، އެކަމަށް ބޭނުންވާ މާލީ އެހީ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަދަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

”މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދަ އިތުރުކުރުމަށް ބޭނުންވާ އެއްބާރުލުން ނުލިބި ޕެރިސް އެގްރިމަންޓާއި 2030 އެޖެންޑާގައި ހުރި ކަންކަން ހާސިލުނުވާނެ“ ރައީސް ވިދާޅުވި އެވެ.