ނޮވެމްބަރ 7, 2024

ފުލުހުންގެ އާ ޕޮލިސީ: މާލޭގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވުން

މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވާ ގޮތަށް ފުލުހުންގެ ޕޮލިސީއަށް ބަދަލުތަކެއް ގެނެސްފި އެވެ.

މާލެ ސަރަހައްދުގައި މިހާރު ކުރަން ފަށާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު، ފުލުހުންގެ މީޑިއާ މެދުވެރިކޮށް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މީހަކު މަގުމައްޗަށް ނުކުމެ ދަތުރުކުރަން ފަށައި ފަސް މިނިޓް ހޭދަވެގެންދާއިރު ފުލުހަކު ފެންނަންޖެހޭ ގޮތަށް ޕޮލިސީއެއް ކަނޑައަޅައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރުވެސް ތަމްރީން ފުރިހަމަ ކުރަމުންދާ 360 އެއްހާ ރެކްރޫޓް ފުލުހުން ޓްރޭނިންއަށްފަހު އައުމުން އެ މަގުސަދު ހާސިލުކުރުމަށް އެ ފުލުހުން ފްރަންޓްލައިންގައި ހިދުމަތް ދޭން ފަށާނެ ކަމަށާއި އެކަން ދުވާލުގެ ބޮޑުބައެއްގައި ހާސިލުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މާލޭގެ މަގުތަކަށް ބާރު ބޮޑުވާ ގަޑިތަކުގައި 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ. އެ މަސައްކަތްތައް މޮނިޓާކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

”ސީނިއާ ފުލުހަކު މި ސެންޓަރުގައި 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ. މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ މި ތަނުން ކޮންޓްރޯލްކޮށް މޮނިޓާ ކުރަމުން ގެންދާނެ. ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު މި ސެންޓަރުން ވަގުތުން ބަލައިލެވޭނެ. އަދި އެ ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި މި ސެންޓަރުގައި ވަގުތުން އެއްކުރެވި އެނަލައިޒް ކުރެވެމުން ދާނެ،“ ސީޕީ ވިދާޅުވި އެވެ.