އޮކްޓޯބަރ 3, 2024

ގާސިމުގެ ތައުރީފު ރައީސަށް: ރާއްޖެއަކީ ބަސްބުނަން ކެރޭ ގައުމެއްކަން ސާބިތުކޮށްދީފި

އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަކީ ބަސްބުނަން ކެރޭ ގައުމެއްކަން ސާބިތުކަމާއެކު ދައްކަވައިދެއްވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

އެ މަނިކުފާނަށް މަރުހަބާ ދަންނަވައި ގާސިމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރީގައިވެސް ރާއްޖޭގެ ބައެއް ވެރީން ބައިވެރިވެވަޑައިގެން ރާއްޖެ ތަމުސީލު ކުރައްވައި ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި މުޅި ދުނިޔެއަށް ދިމާވެފައިވާ އެކިއެކި ކަންތައްތަކާ ގުޅޭ ގޮތުން އަޑުއުފުއްލަވާ ކަމަށެވެ.

ނަމަވެސް ރާއްޖެއަކީ ފަހުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، އިލްމާއި ހުނަރު ލިބިފައިވާ، ތަރައްގީއަށް އުންމީދު ކުރާ ތަސައްވަރެއް އޮތް އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން، ރައީސް މުއިއްޒު ވަރަށް ސާބިތުކަމާއެކު ދައްކަވައިދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

”ޝައްކެއް ނެތް ގޮތުގައި، މީގެ 59 އަހަރު ކުރީން ދިވެހީންގެ ފަހުރުވެރި މިނިވަން ދިދަ އދ. ގެ އިދާރާގައި ވިހުރެން ފެށި ފަހުން، މި ގައުމުގެ ވެރިޔަކު އދ. ގައި ދިވެހި ގައުމު ތަމުސީލު ކުރުމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމު ތަމުސީލު ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް އަޅުގަނޑު ދެކެމެވެ.،“ ގާސިމު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދުދެއްވަމުން ގާސިމު ވިދާޅުވީ، ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގެން ނަމަވެސް އދ. ގައި ރާއްޖެ ތަމުސީލު ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުއިއްޒުގެ ތަގުރީރު އޮޅުން ފިލާވަޑައި ނުގަތް ނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީގައި އެ މަނިކުފާނުގެ ތަގުރީރު ހިމެނިފައިވާ ކަމަށެވެ.

އަދި ވަކީން ހާއްސަކޮށް ފަލަސްތީންގެ މައްސަލައިގައި އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކުރައްވާ ދެއްކެވި ވާހަކަފުޅު މުޅި އިސްލާމީ ދުނިޔެއާއި ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައިވަނީ ނުހަނު މަތީ ތަރުހީބަކާއި އެކުގައި ކަމަށް ގާސިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ‏2040 ގައި ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު، އެ ދުވަސް އަންނަންވާއިރު ރާއްޖެއަކީ، ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށްޓަކައި ރައީސް މުއިއްޒު ކުރައްވާ ތަސައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވައި ގައުމާއި ރައްޔިތުންނާއި މެދު އެ މަނިކުފާނު ދައްކުވައިދެއްވި ފަހުރުވެރި ނަމޫނާއަށްޓަކައި، ޝުކުރު އަދާކުރާ ކަމަށެވެ.