އޮކްޓޯބަރ 4, 2024

ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ން ނިންމާލައިފި އެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެ ރަށަށް ވަޑައިގެން ކަމަށެވެ.

ހިރިމަރަދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން އަޅައިފައިވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މީގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ބަހައްޓާފައިވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އަދި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިން ލައިން އަޅައި، ޕަމްޕިން ސްޓޭޝަން ގާއިމްކޮށް ސީ އައުޓްފޯލް އަޅާފައިވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ އިތުރުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދީފައިވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ހިރިމަރަދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ޖުމްލަ އަގަކީ 70 މިލިއަން ދިވެހި ރުފިޔާއެވެ.