އޮކްޓޯބަރ 4, 2024

ފަތުރުވެރިކަން ފުޅާކުރުމަށް ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވިދާނެ: ޗަމްޕާ އަފީފް

ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމުގައި ސްޕޯޓްސް ޓޫރިޒަމަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް މަޓީގެ ވައިސް ޗެއާމަން އަދި ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ސޮނެވާ ރިސޯޓުގައި މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން
އެތުލެޓިކްސްގެ މުބާރާތްތަކާއި އޭޝިއަން ގޭމްސް އަދި ސާކް ގޭމްސް ބޭއްވުމަށް މަސައްކަތް ކުރެވިދާނެ ކަމަށް އަފީފު ވިދާޅުވި އެވެ.

”އެގޮތަށް ޓާގެޓްކޮށްގެން ފަހަރަކު ކަމެއް، ފަހަރަކު ކަމެއް ކުރަމުން ދަމާ ހިނގާށޭ.“ އަފީފު ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ ކޮންމެ އަހަރަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމީ ހުރިހާ ދިވެހި ރައްޔިތުން އުފާކުރަންޖެހޭ ކަމަށެވެ.

މާޒީގައި ހެދިފައިވާ ގޯސްތައް ހޯދައި ބަލައިގެން އެކަންތައް ތަކުރާރު ނުވާނޭހެން މަސައްކަތް ކުރުމުން ނޫނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރު ހަރުފަތަކަށް ދާން ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް އަފީފު ވިދާޅުވި އެވެ.

”ކުރިއަށް އޮތްތަނަށް ވިސްނަންޏާ ވޭތުވެދިޔަތާގައި އަޅުގަނޑުމެންނަށް ހެދުނު މިސްޓޭކްތަކާއި އެއްޗެހިތައް ބަލައިގެން އެކަމަށް ވިސްނައިގެން ކުރިއަށް ދަމާ ހިނގ،ާ އެހެންނޫނިއްޔާ އެ މިސްޓޭކްތައް އަލުން ރިޕީޓް ކުރެވޭނެ.“ އަފީފް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލިގެން ދިޔުމުގެ ބިރު ކަމަށް އަފީފު ވިދާޅުވި އެވެ. އެހެންކަމުން ޒަމާނުއްސުރެ ރާއްޖޭގައި އޮތް ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަޑް އަފީފް ވިދާޅުވި އެވެ.

”ދިވެހި ރާއްޖެ އޮތް ރީތި ކަމުގައި ބޭއްވޭތޯ ބަލަމާ ހިނގާށޭ. އަޅުގަނޑަށް ހީވަނީ މިހާރު އޮތް އެންމެ ބޮޑު އޮބްސްޓެކަލްއަކީ އެއީ.“ އަފީފް ވިދާޅުވިއެވެ.

ފަތުރުވެރިން ރާއްޖޭގެ ހަޑިކަމުގެ ވާހަކަ ދައްކައި، މަގުތަކަށާއި ބީޗުތަަކަށް ކުނި އުކާލާފައި ހުރުމުން އެވާހަކަ ދެއްކުމުން އޭގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެކަން އަފީފު ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ރާއްޖޭގެ ނަން ވެސް ހަޑިވެގެން ދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑުމެން އެއަށް ވެސް ބޮޑު ފޯކަސްއެއް ދޭންވީ. އަޅުގަނޑުމެންގެ ރީތި ރާއްޖެ ރީއްޗަށް ބޭއްވޭތޯ.“ އަފީފް ވިދާޅުވިއެވެ.