ނޮވެމްބަރ 25, 2024

ބައްސާމް ގަތް ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަމުރުކޮށްފި

ހިޔާނާތާއި މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުވާ މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަނެފައިވާ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

ކޯޓުން އަމުރުކުރީ މިމަހުގެ ހަވަނަ ދުވަހުގެ ކުރިން އެ ޕެންޓަހައުސް ފުލުހުންނާ ހަވާލުކުރުމަށެވެ.

ފުލުހުން މިރޭ ބުނީ ކޯޓު އެގޮތަށް އަމުރުކޮށްފައިވާތީ ދެ ޕެންޓަހައުސް ނުވަތަ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

ފުލުހުން މިދިޔަ މަހުގެ 18 ގައި އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅް ކުލަބުތަކަށް މާލީ ގޮތުން އެހީވުމަށް ފީފާއިން އެފްއޭއެމްއަށް ހޯދި 1.9 މިލިއަން ޑޮލަރުން ބައްސާމް އަގުބޮޑު ދެ އެޕާޓްމަންޓް ގަނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ 14 އޭޕްރިލް 2021 ގައި ފީފާ އިން ހޯދި އެ ފައިސާ ބޭނުންކޮށްގެން ބައްސާމް ގަނެފައިވަނީ އަމިން އެވެނިއުގެ ދެ އެޕާޓްމަންޓް ކަމަށެވެ. އަދި އެޕާޓްމެންޓު ގަތުމުގެ އެ މުއާމަލާތަކީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެެއް ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.

”ތަހުގީގުން ބެލިބެލުމުން ފާހަގަކުރެވެނީ މި ލޯނު އެފްއޭއެމް އިން ނަގާފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައިކަން. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެފްއޭއެމްއާ ދެމެދު މި ކުރެވުނު އެއް މިލިއަން ޔޫއެސް ޑޮލަރުގެ މުއާމަލާތަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ދައްކާފައިނުވާކަން އަޅުގަނޑުމެންނަށް ތަހުގީގަށް މިހާތަނަށް ފާހަގަ ކުރެވިފައިވޭ.“ ސަވާދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވަނީ އެ ފައިސާ އެފްއޭއެމްއަށް ލިބިފައިވާކަން ދެއްކުމަށްޓަކައި ކުންފުންޏެއް މެދުވެރިކޮށް، ލޯނު ނަގާފައިވާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ފީފާ އިން ނެގި ފައިސާގެ އަދަދާއި އަމީން ކޮންޓްރަކްޝަނަށް ފައިސާ ދައްކާފައިވާ ރިސިޕްޓުތަކުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދާ ދިމާވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ސަވާދު އިތުރަށް ވިދާޅުވެފައިވަނީ އެ މައްސަލައާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށާއި ބައްސާމު އަދި މ. ހިރިނައިދޫ/ ހަސަން ވަހީދުގެ އިތުރުން ގއ. ގެމަނަފުށި މުހައްމަދު އަގީލުގެ މައްޗަށް، އޮޅުވާލުމާއި ހިޔާނާތުގެ ކުށާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.