އޮކްޓޯބަރ 6, 2024

ރައީސާއި ޖައިޝަންކަރާ ބައްދަލު ކުރައްވައިފި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފި އެވެ.

މިއީ އިންޑިއާގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް އެ ގައުމަށް ރައީސް ޑރ. މުއިއްޒު މިއަދު ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ފުރަތަމަ ބައްދަލުވުމެވެ. އެ ބައްދަލުވުން ކުރިއަށް ދިޔައީ އިންޑިއާގެ ވެރިރަށް ދިއްލީގައި ރައީސް ހުންނަވާ ހޮޓަލުގަ އެވެ.

އެ ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނީ، ޖައިޝަންކަރާއެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުން އިސްކަންދޭ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

މީގެ ކުރިން ރައީސް މުއިއްޒު އާއި ޖައިޝަންކަރު ދެ ފަހަރެއްގެ މަތިން ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެއީ ޖައިޝަންކަރު މި ފަހުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނާއި ރައީސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ދަތުރުގެ ތެރެއިންނެވެ.

ރައީސް ދިއްލީގައި ދިރިއުޅޭ ދިވެހިންނާ މިރޭ ބައްދަލުކުރައްވާނެ އެވެ. އަދި މާދަމާ ރައީސް މުއިއްޒަށް އިންޑިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުމާއި ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ރައީސް ދްރޫޕާދީ މުރްމުރްއާ ބައްދަލުވުމާއި ދެ ގައުމުގެ ރަސްމީ ވާހަކަތައް އަދި އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނާނެ އެވެ.

ރައީސްގެ އިންޑިއާ ދަތުރުގައި މުމްބާއީ އަދި ބެންގަލޫރަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު ދަތުރު ނިންމާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހެވެ.