ބުރިޖު ހައިވޭގައި ކުޑަކުއްޖެއް ލައްވައި ސައިކަލު ދުއްވި މައްސަލައިގައި އެ ކުއްޖާ ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ސްކޫލް ޔުނީފޯމުގައި ހެލްމެޓް އަޅައިގެން އިން ކުއްޖަކު އެއާބްލޭޑް ސައިކަލެއް ދުއްވާ މަންޒަރެވެ. އެ ކުއްޖާގެ ފަހަތުގައި އިން ފިރިހެން މީހާ، ހުންގާނުގެ ވައަތުގައި ހިފަހައްޓައިގެން ހުންނައިރު، އޭނާ އިނީ ސައިކަލްގެ ސްޕީޑުން އަތް ދޫކޮށްލައިގެން ފައި މަތީގައި އަތް ބާއްވާލައިގެންނެވެ. އެ ވީޑިއޯގައި ސައިކަލު ނަންބަރުވެސް ރީތިކޮށް ފެނެއެވެ.
އެނގިފައިވާ ގޮތުގައި ކުއްޖާގެ ފަހަތުގައި އިނީ ސިފައިންގޭގައި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިން ސެކްޝަންގައި މަސައްކަތް ކުރާ މީހެކެވެ.
ފުލުހުން މިރޭ ބުނީ އެ ވީޑިއޯގައި ކުއްޖާގެ ފަހަތުގައި އިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ގަސްދުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އެ މީހާ ޓްރެފިކް ގާނޫނާ ހިލާފުވެފައިވާތީ ފިޔަވަޅު އަޅައި ދިނުމަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ބުންޏެވެ.
މީގެކުރިން ވެސް އެގޮތަށް ކުޑަކުއްޖަކު ލައްވައި، ސައިކަލު ދުއްވި ވީޑިއޯތަކެއް އާންމުވި އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި