ނޮވެމްބަރ 21, 2024

ފުލެޓް ލިސްޓު މިމަހު އާންމު ނުކުރެވޭނެ، ލިސްޓް އާންމު ކުރެވޭނީ މިއަންނަ މަހު: ހައުސިން

މި މަހު އާންމުކުރާނެކަން ބުނި ގެދޮރުވެރިންގެ ފްލެޓް ލިސްޓު މި މަހު އާންމު ނުކުރެވޭނެ ކަމަށާއި އިތުރު ވަގުތު ބޭނުންވާތީ ލިސްޓް އާންމު ކުރެވޭނީ މިއަންނަ މަހު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރިން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4،000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިމަހު އާންމު ކުރާނެ ކަމަށެވެ.

ނަމަވެސް އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 4،000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ލިސްޓް އަލުން ބަލައި، ހައްގުވެރި ފަރާތްތަކަށް ފްލެޓު ލިބޭކަން ކަށަވަރުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެހެންކަމުން ފައިނަލް ލިސްޓު ނެރެވޭނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ކަމަށެވެ.

2022 ވަނަ އަހަރު މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް އިޢުލާނުކުރި ”ގެދޮރުވެރިޔާ“ ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާނުކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

އެ ނިންމުމާއި ގުޅިގެން ޝަކުވާއަށް ހުށައެޅުމަށް ހުޅުވާލުމުން 7،500 އަށްވުރެ ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށައެޅި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް 300 އަށްވުރެ ގިނަ މައްސަލަ ހުށައެޅި އެވެ.