އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ ދިވެހި ރައްޔިތުން ގެދޮރުވެރިކުރުވާނެ ބަޖެޓެއް: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ---

މި ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ ދިވެހި ރައްޔިތުން ގެދޮރުވެރިކުރުވާނެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސައްވުރު ކުރައްވާ އިގުތިސާދީ ކުރިއެރުމަކީ އެންމެހައި ރައްޔިތުންނަށް އޭގެ މަންފާ ހަމަހަމަ ކަމާއެކު ލިބޭނެފަދަ ކުރިއެރުމަކަށް ހެދުމަށް ދިވެހީން ގެދޮރުވެރިވުން ކޮންމެހެން މުހިންމު ކަމަށެވެ.

އެގޮތުން ފާއިތުވި ސަރުކާރުތަކުން ދިވެހީން ގެދޮރުވެރިކުރުވުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، އަދާއި ހަމައަށް އެ މައްސަލައަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ.

”2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާއި އެއްގޮތަށް ދިވެހި ރައްޔިތުންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަށް،“ ޒަމީރު ވިދާޅުވި އެވެ.

ބަޖެޓުގައި ގެދޮރުވެރިކަމަށް ޖަހާފައިވާ އަދަދުތައް:

  • ފަސް ޕަސެންޓް އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯން ދޫކުރުމަށް 1 ބިލިއަން ރުފިޔާ
  • އެ ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން 2 ބިލިއަން ރުފިޔާގެ ލޯނު ދެވޭނެ
  • ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ

”2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު،“ ޒަމީރު ވިދާޅުވި އެވެ.