ޑިސެމްބަރ 13, 2024

ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެންނަނީ ޕީއެންސީއަށް ގިނަ ފައިސާ ހޯދަން: މައުރޫފް

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފައިވަނީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރާ ފައިސާގެ ބޮޑު ބައެއް ހޯދުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު (މާއްޓެ) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އެ އިސްލާހުގައި ވަނީ 3،000 މީހުން ހަމަވާ ކޮންމެ ޕާޓީއަކަށް، ޕާޓީތަކަށް ދޫކުރާ ފައިސާގެ 25 ޕަސަންޓު ދިނުމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ 50 ޕަސަންޓް ފައިސާ، އެ ޕާޓީއަކަށް ވޯޓު ލިބޭ އަދަދަށް ބަލައިގެން ދޫކުރާ ގޮތަށް އިސްލާހުގައި ހިމަނަން ވެސް ވަނީ ނިންމައިފަ އެވެ. އޭގައިވާ ގޮތުން ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތުން 50 ޕަސަންޓް ފައިސާ ދޫކުރުމަަށް ނިންމީ ކުދި ޕާޓީތަކުގެ މެދުގައި އިންތިހާބުތަކުގައި ވާދަކުރުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގަ އެވެ.

އިސްލާހުގައިވާ ގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަށެވެ. އެގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފަ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މާއްޓެ ވަނީ އެ އިސްލާހަކީ ޕީއެންސީގެ ގިނަ ފައިސާ ހޯދުމުގެ ނިޔަތުގައި ހުށަހަޅައިފައިވާ ބިލެއް ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

”މިހާރު ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން ޕާޓީތަކަށް ލިބެމުން އަންނަ ފައިސާ އިތުރަށް މަދުވެގެންދާނެ. ބޮޑު އަދަދެއް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީއަށް ހޯދުމަށްޓަކައި މި ބަދަލު މި ގެނެވެނީ“ މާއްޓެ ވިދާޅުވި އެވެ.

މާއްޓެ ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ދޭހަވެގެންދަނީ ސަރުކާރުގެ އަމާޒު ހުރީ ޚުދުމުހުތާރު ވެރިކަމެއްގެ ދިމާލަށް ކަމަށެވެ.

އެގޮތުން، ރާއްޖޭގައި ހުރި ހުރިހާ މިނިވަން މުއައްސަސާތަކެއް ރައީސުލްޖުމްޙޫރިއްޔާގެ އަތްދަށަށް ގެންނަން ފަށައިފައިވާ ކަމަށް މާއްޓެ ވިދާޅުވި އެވެ.

މާއްޓެ ވިދާޅުވީ މިއީ އެއްވެސް ސިޔާސީ ޕާޓީއަކުން މާ ބޮޑެތި ގޯސްތަކެއް ހަދަމުންދާ ދުވަސްވަރެއް ނޫން ކަމަށާއި އެހެންކަމުން ޕާޓީތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް އިސްލާހު ގެންނަންޖެހޭ ސަބަބު ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.