ޝަރުއީ ސަބަބަކާ ލައިގެން މެނުވީ، އަނބީން އެ ކަނބަލުންގެ ފިރީންގެ ގާތުންވަރިވާން އެދުމަކީ، އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
’ވަރިކުރުމާއި އިއްދާއާ ބެހޭ ހުކުމްތައް‘ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކައިވެންޏާއި ވަރިއަކީ، އެ ކަންކަމުގައި ސަމާސާކުރުން ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”ތިން ބަހެއް ގަސްތަކާލައިގެން ނުވަތަ ސަމާސާއަކަށް ބުނިކަމުގައި ވިޔަސް އެ ކަންކަމުގެ ހުކުމް ހިނގާނެއެވެ. އެއީ ކައިވެނިކުރުމާއި ވަރިކުރުމާއި ކައިވެނި ރުޖޫއަކުރުމެވެ.“
ކީރިތި ރަސޫލާ އިތުރަށް ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”ހައްގަކާ ނުލައި، ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމްވެގެންވެ އެވެ.“
ކައިވެންޏަކީ މަތިވެރި ގުޅުމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ޒަވާޖީ ހަޔާތުގެ ގުޅުމަށް ބުރޫއަރާ ފަދަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި، އަމަލުކުރާންވީ ޝަރުއީ ގޮތް ކީރިތި ގުރުއާނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތަކީ ދެމަފިރިއެއްގެ ދެމެދުގައި އުފެދޭ އަރައިރުން، ވަރިއާ ހަމައަށް ދިއުމުގެ ކުރީން، އެ އަރައިރުން ހައްލުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށްޓަކައި، ދެ ފަރާތުން ފޮނުވާ ނިޔާވެރީންގެ ނިންމުމާއި އެއް ގޮތަށް އަމަލުކުރުން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ވަރިކުރުން ހުއްދަވާ ސަބަބުތަކުގެ ތެރޭގައި، އަނބިމީހާގެ އަހުލާގު ނުބައިވުމާއި ޒަވާޖީ ހަޔާތުގެ އިންތަކުން ބޭރުވުމާއި ﷲގެ އަމުރުފުޅުތަކަށް ފަރުވާ ކުޑަކުރުން ހިމެނޭ ކަމަށާއި އަދި ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ހަޔާތް ވޭތުނުކުރެވޭނެކަން ކަށަވަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުން ކަމަށެވެ.
ހަމަ އެ ފަދައިން ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ހައްގުތައް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ހުލްގުކުރުމަށް ހުށަހެޅުން ހުއްދަވާނެ ކަމަށާއި އެފަދަ ހާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރައި ދޭން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

ގުޅުންހުރި
ފިރުއައުނު އަރަގުވި ހާދިސާއިން އެނގެނީ ﷲ ކާފިރުވެ ދުނިޔެ ފަސާދަކުރާ މީހުން
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ
ކިބުރުވެރި ނުވެ، ހިތްތިރިކަމުގެ ސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް ﷲ
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް
25.5.25 : މިއަދު އެކަނިވެސް 59 ކައިވެނި، އަހަރުގެ ރެކޯޑެއް!