ރާއްޖޭގެ ތައުލީމަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު, ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސެއިން އަށް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ, ޑރ. ޒާހިރަށް އެ ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ރާއްޖޭގެ ތައުލީމީ ތަރައްގީއަށާއި ރާއްޖޭގައި ތައުލީމު ފުޅާކުރެއްވުމަށާއި ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިހުލާސްތެރިކަމާއެކުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2008 ވަނަ އަހަރު ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަރުވާފައިވާ ޑރ. ޒާހިރު ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ މިސްރުގެ ޖާމިއަތުލް އަޒްހަރުންނެވެ. ޕީއެޗްޑީ ހާސިލުކުރެއްވީ މެލޭޝިއާގެ ޔުނިވާސިޓީ ކެބަންގްސާ މެލޭޝިއާގައި ތިއޯލޮޖީ ފިލޯސޮފީ ރޮނގުން 2011 ވަނަ އަހަރު އެވެ.
ޒާހިރު ވަނީ ދައުލަތުގެ ގިނަ އިސް މަގާމުތަކެއްވެސް ފުރުއްވައިފަ އެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުކަމާއި އެޑިއުކޭޝަން މިނިސްޓަރުކަމާއި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުކަން ހިމެނެ އެވެ.
ޒާހިރަކީ ރާއްޖޭގައި ނެރުނު ’މޫންލައިޓް‘ ނޫސް ހުއްޓާލުމާއެކު 1979 ވަނަ އަހަރު ނެރެން ފެށި ދުވަހު ނޫސް ’ހަވީރު‘ ގެ މަސްއޫލުވެރިޔާ އެވެ. ސިވިލް ކޯޓުން ކުރި ކުއްލި އަމުރަކާ ގުޅިގެން 2016 ވަނަ އަހަރު އެ ނޫސް ހުއްޓާލުމާ ހަމައަށް އެ ނޫހުގެ މަސްއޫލުވެރިޔަކަށް ހުންނެވީ ޒާހިރެވެ.
ހަވީރު ނޫސް އުފައްދަވައިގެން ޒާހިރު ނޫސްވެރިކަމުގެ ދާއިރާއަށް ކޮށްދެއްވަމުން ގެންދެވި މަސައްކަތުގެ އަގުވަޒަންކޮށް 1989 ވަނަ އަހަރު ސަރުކާރުން ވަނީ އޭނާއަށް އާންމުހިދުމަތުގެ އިނާމުވެސް އަރުވައިފަ އެވެ.
ޑރ. ޒާހިރަށް ޝަރަފު އެރުވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. އެ ޖަލްސާގައި މަތީ ދަރަޖަ ހޯދި 40 ބޭފުޅަކަށް އަދި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 53 ބޭފުޅަކަށް އިނާމު ދެއްވާނެ އެވެ.
ގުޅުންހުރި
ޔާމީން، ރައީސް މުއިއްޒަށް: ދެން އަޅުގަނޑު ޖަލަކަށް ނުލެވޭނެ!
ސަރުކާރުގެ ސިޔާސަތަކީ މުއްސަނދި މީހާ އަތުން ނަގާފައި ނިކަމެތި މީހާއަށް ދިނުން:
ރާއްޖޭގެ އެމްބަސީއެއް އިޓަލީގައި ހުޅުވަނީ
މިއަންނަ ހޮނިހިރު ދުވަހު ދަރުމަންވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަނީ
ސަލްމާން ރަސްގެފާނުގެ ދައުވަތަކަށް ރައީސް ސައުދީއަށް ފުރާވަޑައިގެންފި
ރައީސް މުއިއްޒަށް ތާއީދު ކުރެވުނީތީ ވަރަށް ބޮޑަށް ހިތާމަކުރައްވަން: ޔާމީން