މާލޭގައި ބަނގުރާ އުފައްދައި ވިއްކައި ވިޔަފާރިކުރަމުންދިޔަ ދެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ, ވިސްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޕްރަވީން ސެންތިލްކުމާރް (30އ) އާއި ކަންނަން އިރުލައްޕަން (23އ) ނަމަކަށް ކިޔާ އިންޑިއާ ދެ މީހެކެވެ.
ފުލުހުން ބުނީ, މި އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، މާލޭ މަގުމަތިން އެ މީހުން ހުއްޓުވައި، އެ މީހުން ދުއްވި ސައިކަލާއި މާލޭގެ ގެއެއް ބަލައި ފާސްކުރި ކަމަށެވެ.
އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 906 ފުޅިއާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 16 ޓައްޕު އަދި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފަ އެވެ. އަދި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ދެ މީހުންނަށް ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.


