ޓީޗަރުންގެ ދުޅަހެޔޮކަމަށާއި މަސައްކަތުގެ ބުރަ ކުޑަކުރުމަށް މި ސަރުކާރުން އިސްކަންދެން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމާއި މަސައްކަތުގެ ބުރަ ކުޑަކުރުމަށް މި ސަރުކާރުން އިސްކަންދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ, މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ޓީޗަރުންގެ ގުރުބާނީއާއި ދެއްވާ ހިދުމަތަށް ޝުކުރު އަދާކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ހަލުވިކަމާއެކު ބަދަލުވަމުންދާ މި ދުނިޔޭގައި, ޒުވާން ޖީލުތަކަށް މަގުދައްކައިދިނުމުގައި ޓީޗަރުން އަދާކުރައްވަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.  އަދި ޓީޗަރުންގެ އިލްމީ ގާބިލުކަމާއި ވަގުތާއި ހަކަތަ ހުސްކޮށްގެން ކުރައްވާ މަސައްކަތްތަކާއި ދަރިވަރުންގެ ފިކުރީ ތަރައްގީއަށްޓަކައި ކުރައްވާ ފުން އަސަރުތަކުގެ އަގުވަޒަންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ޓީޗަރުންގެ މުހިންމު ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުމަކީ އެ މަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

”މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމާއި މަސައްކަތުގެ ބުރަ ކުޑަކުރުމާއި ވަޒީފާގެ މާހައުލު ރަނގަޅުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. މީގެ އިތުރުން، ޝާމިލުކޮށްގެން އުނގަންނައިދިނުން ހަރުދަނާކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން އިސްކަންދޭނެއެވެ,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދަރިންނާއި މުޅި ގައުމުގެ ކުރިއެރުމުގެ ބިންގާ ވަރުގަދަކުރުން ކަމަށެވެ. އެހެންކަމުން ކިޔަވައިދިނުމުގެ ދާއިރާގެ އަގުވަޒަންކޮށް, ޓީޗަރުންގެ ތަރައްގީއަށް އިންވެސްޓްކޮށް, ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ހުނަރުތައް އެންމެ ފުރިހަމައަށް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމިތިބެން ރައީސް އިލްތިމާސް ކުރެއްވި އެވެ.