ނޮވެމްބަރު 3, 1988 ގައި ރާއްޖެއަށް ދިން ކަހަލަ ޓެރަރިސްޓް ހަމަލާއެއް މިހާރު ނުދެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ, ރައީސްގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ ’އަހާ‘ ފޯރަމްގައި ރޭ ވާހަކަދައްކަވަމުންނެވެ.
”ދެން ހަމައެއާއެކީގައި އަޅުގަނޑު ވާނީ ތަޖުރިބާކޮށްފައި 1988 ނޮވެންބަރު ތިނެއްގައި ދިވެހިރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ޔަޤީންކަން ކަމާއެކު ދަންނަވަން ކެރޭ މިހާރު އެފަދަ ހަމަލާ ނުދެވޭނެކަމަށް, އިނގޭތޯ,“ ހަސަން ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, ގައުމެއްގެ އިގުތިސާދީ ސަރަހައްދުގެ ތެރެއަށް އެހެން ގައުމަކުން ވަންނަން ދިމާކޮށްފިނަމަ, ނުވަދެވޭނެ އެއްވެސް ގައުމެއް ނެތް ކަމަށާއި ހުރިހާ ގައުމެއްގައިވެސް އެފަދަ ހާދިސާތައް ހިނގާފައި އެބަހުރި ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މީގެ 25 އަހަރު ކުރިން ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާ އެވެ.
”އެއީ ސެކިއުރިޓީ ގޮތުން ބަލާއިރު އެންމެ ވަރުގަދައަށް ދުނިޔޭގައި ސެކިއުރިޓީ އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރާ ތަނެއްގެ ވާހަކަ މި ދެންނެވީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ސިފައިން އަބަދުވެސް ތިބޭނީ ތައްޔާރަށޭ. ސިފައިން ކަނޑުގެ ސަރަހައްދުންވެސް އަދި ވައި ސަރަހައްދުން ވެސް ދިމާވާ ކޮންމެ ހަމަލާއަކަށް ތައްޔާރުވަން ތިބި ވާހަކަ ހަމަ އުފަލާއެކު އަޅުގަނޑު ފާހަގަކުރަން,“ ހަސަން ރަޝީދު ވިދާޅުވި އެވެ.


