ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ދަމަހައްޓަން އާ ހިތްވަރަކާ އެކު މަސައްކަތް ކުރަން ޖެހޭ: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދަމަހައްޓަން މިއަދު އާ ހިތްވަރަކާ އެކު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އެހެންކަމުން އެ ބާރުތައް ދަމަހައްޓަން ރައްޔިތުން މަސައްކަތް ކުރަންޖެހޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

”ގައުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަކީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިންމު އަސާސް ކަމުގަ ވީހިނދު، މިއަދު މި ވަނީ މި މަސައްކަތް އާ ހިތްވަރަކާއެކު ކުރަންޖެހިފައި،“ ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީން ކުޅުދުއްފުށި ބޭއްވި ”ލާމަރުކަޒީ ގުޅުން“ ކޮންފަރެންސްގައި ވެސް ސޯލިހު ވިދާޅުވެފައިވަނީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ އަޑު އަހައި، ކައިރިން ހިދުމަތް ދޭން ޖެހުނު ނަމަވެސް ސަރުކާރުން ދަނީ ހުދުމުހުތާރު ވެރިކަމެއް ކުރަން ހުރިހާ ބާރުތައް ޖަމާ ކުރަމުން ކަމަށެވެ.

ސޯލިހު އެފަދައިން ވިދާޅުވިއިރު އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވެސް ބުނެފައިވަނީ މި ސަރުކާރުން ދަނީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތަކާއި ހައްގުތައް ހަނިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.