އިޒްރޭލުން ފަލަސްތީނާއި ލުބުނާނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާ ހުއްޓުވުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ލީޑަޝިޕުގެ ދަށުން އިސްލާމީ ހުރިހާ ގައުމަކުން މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފި އެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި ޖަރީމާތަކާ ގުޅިގެން ސައޫދީން އިސްނަގައިގެން އެ ގައުމުގައި މިހާރު ކުރިއަށްދާ އެކްސްޓްރާ އޯޑިނަރީ އަރަބް އެންޑް އިސްލާމިކް ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ، އިސްލާމީ ދުނިޔޭގެ ލީޑަރުގެ ހައިސިއްޔަތުން ސައުދީން ވަނީ އެއްބައިވަންތަކަމާއި އެކުވެރިކަމަށް މަގު ދައްކައިދީފައި ކަމަށެވެ.
”ނަމަވެސް މިހާރަކީ ސައޫދީ އަރަބިއްޔާގެ ލީޑަޝިޕުގެ ދަށުން އިސްލާމީ އަދި އަރަބި ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތްކޮށް މާނަހުރި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަންވީ ވަގުތު،“ ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުގެ ޣައްޒާގެ އިތުރުން ލުބްނާނަށް އިޒްރޭލުން ދެމުންދާ ރަހުމް ކުޑަ ހަމަލާތަކުގެ ސަބަބުން، ފާއިތުވި އަހަރެއްހާ ދުވަހު އެކަނިވެސް ބައި ލައްކަ އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިގޮތަށް ކުރިއަށް ދެވެން ނެތް ކަމަށެވެ.
އަދި ބާރު ހުރި ފަރާތްތަކުން އަޅާ ނުލައި ތިބުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެ އަނިޔާވެރިކަން ކުށްވެރި ކުރާ އަޑުތައް ފަނޑުކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އިޒްރޭލަށް ވާގިވެރިވެގެން ތިބި ބާރުގަދަ ގައުމުތަކުގެ އަމަލުތަކުން، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތް ކަން މުޅި ދުނިޔެ އަށް ދައްކުވައިދެމުންދާ ކަމަށެވެ. އަދި އެ ގައުމުތަކުގެ ހިމޭންކަމާއި އަޅާނުލައި ތިބުމުގެ ސަބަބުން އިޒްރޭލުގެ އަނިޔާވެރި އިސްތިއުމާރާއި ދެމިއޮތުމަށް މަގުފަހިވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އދ. ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އަދި ހަތިޔާރާއި އަނިޔާވެރިކަމުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަހު ސުލްހަ އަށް ގޮވާލެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑުމެން އެއް އުއްމަތެއްގެ ގޮތުގައި ގަދައަޅައި މަސައްކަތް ނުކޮށްފި ނަމަ، ތާރީހުގައި އަޅުގަނޑުމެންގެ ވާހަކަ ލިޔެވޭނީ ހުތުރުކޮށް، މި ސަމިޓަކީ އަޅުގަނޑުމެންގެ އަޒުމު ހަގީގީ އަމަލުތަކަށް ބަދަލު ކުރާ ނުކުތާ ކަމުގައި ހައްދަވަމާ ހިންގަވާ،“ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވި އެވެ.
3 Comments
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް