މުއްސަނދިންނަށް، އެންސްޕާގެ އެހީ ދޭނީ އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި

ހީނާ ވަލީދު

މުއްސަނދިންނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ދޭ މެޑިކަލް ވެލްފެއާ، ލޯނެއްގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ބަޖެޓު ތަފުސީލުގައި ބުނެފައިވަނީ މެޑިކަލް ވެލްފެއާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެލްފެއާ ދޭ އުސޫލުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން މުއްސަނދިންނަށް އެންސްޕާގެ އެހީ ދޭނީ އިންޓަރެސްޓް ފްރީ ލޯނެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

ނަމަވެސް މުއްސަނދި މީހެއް ކަމަށް ކަނޑައަޅަނީ ކިހިނެތް ކަމެއް ބުނެފައެއް ނުވެ އެވެ.

އެ ބަދަލު ގެނައި ނަމަވެސް މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް މިހާރުވެސް އެ އެހީ ލިބޭ އުސޫލުން، އަނބުރާ ދައްކަން ނުޖެހޭ ގޮތަށް އާސަންދަ ކަވަރުނުކުރާ ހިދުމަތްތަކާއި އާލާތްތަކާއި އެހެނިހެން ހަރަދުތައް އެންސްޕާ މެޑިކަލް ވެލްފެއާ މެދުވެރިކޮށް ހަމަޖެހޭނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އޭގެ މައިގަނޑު މަގުސަދަކީ ބައްޔަކަށް ހޯދަންޖެހޭ ފަރުވާ ހޯދުމުން ފަގީރުކަމަށް ވެއްޓިދާނެ ހަރަދުތަކުން ރައްޔިތުން ރައްކާތެރިކުރުން ކަމަށާއި އަދި އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށްވެސް ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.