ސަރުކާރު ކުންފުނިތަކުގެ މުސާރަ ސިވިލް ސާވަންޓުންނަށްވުރެ ދަށް ކުރަންޖެހޭ: ގަވަރުނަރު

ގަވަރުނަރު މުނައްވަރު ---

ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސަރުކާރުން ފައިސާ ދީގެން ހިންގާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ސިވިލް ސާވަންޓުންގެ މުސާރައާ އެއްހަމަ ނުވަތަ އެއަށްވުރެ ކުޑަކުރަންޖެހޭ ކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ލަފާ ދެއްވަމުން މުނައްވަރު ވިދާޅުވީ މިދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ބޮޑު ”ލީކެއް“ މިދަނީ ރިކަރަންޓު ހަރަދަށްފަހު ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ސަރުކާރުން މިހާރު ވެސް ފައިސާ ”ޕަމްޕު“ ކޮށްގެން ހިންގާ ކުންފުނިތައް އެބަ ހުރި ކަމަށާއި އެ ތަންތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރަ މުރާޖާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

”ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި މުއައްސަސާތައް އެބަހުރި އިނގޭތޯ ހަމަ ސަރުކާރުން ޕަމްޕުކުރާ ސެލެރީސް ދެއްވާ ތަންތަން. މި ތަންތަނުގެ މުސާރަ، އަޅުގަނޑު މިދަންނަވަނީ ވަރަށް މުހިންމު ކަމެކޭ ރިވިއުކުރުން. ސަރުކާރުން އެ ބޭފުޅުންނަށް މުސާރަ ދޭ ކަމަށްވާ ނަމަ އެ މުސާރައަކީ ސިވިލް ސާވަންޓުންގެ މުސާރައާ އެއްވަރު ނުވަތަ އެއަށްވުރެ ދަށް މުސާރައަކަށް ހަދަންޖެހެނީ. އެހެންނޫނީ ގަބޫލެއް ނުކުރަން ރިފޯމްގެ ކަންކަން ރަނގަޅަށް ދާނެ ކަމަކަށް،“ މުނައްވަރު ވިދާޅުވި އެވެ.

އެ މުސާރަތައް މުރާޖާ ނުކޮށްފިނަމަ ސަރުކާރުން ބަޖެޓުގައި ހިމަނާފައިވާ މާލީ ރިފޯމުގެ ކަންކަން ރަނގަޅަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ކޮމިޓީގައި މުނައްވަރު ވިދާޅުވި އެވެ.