އަންނަ ރޯދަމަހު ސަރުކާރުން ދޭ ރޯދަ ހަދިޔާ: ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް!

އަންނަ ރޯދަ މަހު ކޮންމެ ގެއަކަށް ހިލޭ މަސްދަޅު ކޭހެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުއްޖެ އެވެ.

މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ހިލޭ ދީފަ އެވެ. އެ ތަކެތި ދޫކުރީ އެސްޓީއޯގެ ބެލުމުގެ ދަށުންނެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގެ އެތެރޭގެ ކޯޓުގައި މިރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް ވިދާޅުވީ، މިދިޔަ އަހަރު 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވާނެ ކަމަށެވެ.

”ކުރިއަށް އޮތް ރަމަޟާން މަހު އަޅުގަނޑުމެން ގަސްދުކުރަނީ އެސްޓީއޯ އެމްޑީއަށް އަޅުގަނޑު ދަންނަވައިފިން ކާޑުގެ ބަދަލުގައި މަސްދަޅު ކޭސް. ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިދިޔަ އަހަރުގެ ރޯދަ މަހު ކަރަންޓު ބިލުންނާއި ފެން ބިލުންވެސް ސަރުކާރުން ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ. އެގޮތުން ޖުމުލަ 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.