ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން އާ ބްރޭންޑެއް ތައާރަފުކުރަނީ

ރާއްޖޭގައި އިންތިޒާމުކޮށްގެން ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޑް އެންޑް ހޮސްޕިޓާލިޓީ ޓްރޭޑް ޝޯ، ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯ އިން ބައިވެރިވެ، އާ އުފެއްދުމެއް ތައާރަފުކުރަން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ، މި އަހަރުގެ އެގްޒިބިޝަންގައި އެ ކުންފުނީގެ ސްޓޯލް ހާއްސަކޮށްފައިވާނީ އެސްޓީއޯގެ ޖެނެރަލް ޓްރޭޑިން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާޖީއަށް ކަމަށެވެ.

އެގޮތުން އެސްޓީއޯގެ ސްޓޯލްގައި އެސްޓީއޯ ސުޕަމާކެޓުން ލިބޭ ބައެއް ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ލުއިކާނާ ވަގުތުން ތައްޔާރުކުރާ ސްޓޭޝަނަކާއި އެގްޒިބިޝަން ކުރިއަށްދާ ތިން ދުވަހުވެސް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭ ލިބިގެންދާނެ އެވެ.

އޭގެ އިތުރުން އެސްޓީއޯއިން ގެންނަ ބައެއް ޕްރޮޑަކްޓްތަކާ ގުޅޭ މައުލޫމާތު ސްޓޯލްއިން ފޯރުކޮށްދޭނެއެވެ.

އެސްޓީއޯ އިން ބުނީ، މިފަހަރުގެ އެގްޒިބިޝަންގެ ދެވަނަ ދުވަހު އެ ކުންފުނިން އާ ބްރޭންޑެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮޑަކްޓް ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމްއާއި ފޮނިކާތަކެތި ރަހަ ބެލުމުގެ ފުރުސަތުވެސް ސްޓޯލް އިން ލިބިގެންދާނެ ކަމަށް ބުންޏެވެ.

އެސްޓީއޯ އެނާޖީގެ ފަރާތުން ސްޓޯލްގައި ކުރިއަށް ގެންދާނީ ރިސޯޓު ކަސްޓަމަރުންނަށް ހާއްސަކޮށް، ތެޔޮ އުފުލައި ދިނުމުގެ ހިދުމަތްތަކުގެ މައުލޫމާތުދީ، އެ މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑުތަށް ހުރިނެތް ގޮތް ބެލުމެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޮރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި ރެޖިސްޓާ އެންޑް ވިންގެ ނަމުގައި ހަރަކާތެއް ކުރިއަށްދާނެ އެވެ. އެސްޓީއޯ ސްޓޯލްގައި ރަޖިސްޓްރީކުރާ ފަރާތްތަކުގައި މެދުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކުވެސް ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމު ދޭނެ ކަމަށްވެސް ބުންޏެވެ.

އަދި ފޮލޯއެންޑް ވިން ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކޮށްގެން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝާއެއް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.