ބްރިޖުން ހިނގާފައި ނުވަތަ ދުވެފައި ހުޅުލެއާއި ހުޅުމާލެއަށްދާ މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން

ސިނަމާލެ ބުރިޖު ނިމޭ ހިސާބުން ވޯކްވޭ ބަންދުކުރުމަށް ބެރިކޭޑު ޖަހާފައި -- ފޮޓޯ: ޕޮލިސް

ސިނަމާލެ ބުރިޖުގެ ހުރަސްކޮށް ފައިމަގުގައި ހުޅުލެއާއި ހުޅުމާލެއަށްދާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، 30 އޯގަސްޓް 2018 ގައި ސިނަމާލެ ބްރިޖު ހުޅުވުނު ދުވަހުން ފެށިގެން، ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައިވާ ކަމެއް ކަމަށެވެ.

ނަމަވެސް، ސިނަމާލެ ބްރިޖުގެ އެއާޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ދާކަން ފާހަގަކުރެވިފައިވާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ ސަރަހައްދުގައި ”ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން“ ހަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.