ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި އެވެ.
ކުޅިވަރުގެ ހުރިހާ ބެޓިންއަކާއި އޮންލައިން ކެސީނޯތައް މަނާކުރާ ވަގުތީ އަމުރެއްގައި ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ސޮއިކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ.
ލޫލާގެ އިއުލާނުގައި މި ސިނާއަތް ސިފަކުރައްވާފައިވަނީ ”ކެންސަރެއް“ގެ ގޮތުގައެވެ. އަދި އެ ޓިއުމަރު ނައްތާނުލައިފިނަމަ، އޭގެ ސަބަބުން ގައުމު ހަލާކުވެގެން ހިނގައިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ލޫލާ މިގޮތަށް މި ނިންމެވީ، އެ ގައުމުގެ ވެރިކަމުގެ ހަތަރުވަނަ ދައުރަކަށް ވާދަކުރައްވާ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. އެ އިންތިހާބުގައި އޭނާ ވާދަކުރައްވާނީ ޖަލަށްލާފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯއާ ދެކޮޅަށެވެ.
ފްލާވިއޯ ތުހުމަތު ކުރައްވާ ގޮތުގައި ލޫލާ އެ ކުޅުއްވަނީ ސިޔާސީ ކުޅިވަރެކެވެ. ބްރެޒިލްގެ ފުޓްބޯޅަ ޓީމުތަކުން ވެސް ވަނީ މި ނިންމުމުގެ ސަބަބުން ބެޓިން ކުންފުނިތަކުން ދޭ ސްޕޮންސާޝިޕްތައް ހުއްޓާލުމުން، އެ ޓީމުތަކަށް ލިބޭ އާމްދަނީ ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބްރެޒިލްގައި އޮންލައިން ޖުވާގެ ވިޔަފާރި ގާނޫނީގޮތުން ހުއްދަކުރީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން، އެކަމަށް ދެވިހިފުމުގެ ސަބަބުން ގޭބިސީތަކުގެ އާމްދަނީން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ އިލްޒާމު ވަނީ އެ ސިނާއަތުގެ ބޮލުގައި އެޅިފަ އެވެ.


