ކުރިއަށް އޮތް ދުވަސްތަކުގައި މިހާރަށްވުރެވެސް ގިނަ އިންވެސްޓަރުން ރާއްޖެ އަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ, އިންވެސްޓަރުންނަށް ފަހިވާނެ ގޮތަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން އިންވެސްޓަރުންނަށް ފަހިވާ ގޮތަށް ގާނޫނުތައްވެސް ހަދައި, ތަސްގީގުކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން އެ މަނިކުފާނު ރާއްޖޭން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅޭއްގައި އިންވެސްޓާސް ފޯރަމެއް ނުވަތަ ބިޒްނަސް ފޯރަމެއް ބާއްވައި, ރާއްޖޭގައި ހުރި ފުރުސަތުތަކާއި ރާއްޖޭގައި އިންވެސްޓް ކުރުމުގައި ހުރި ފަސޭހަތައް ކިޔައިދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
”އެހެންވީމަ ކޮންފިޑެންސް އުފެދޭ. އަޅުގަނޑުމެން މިދަނީ ވަރަށް ޒިންމާދާރުކަމާއެކީގައި މިހެން ހުރި ކަންތައްތައް ކުރަމުން. އެހެންވީމާ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެވެސް ގިނަ އިންވެސްޓަރުން އަންނާނެ,“ ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން މި މަހުގެ ތެރޭގައި ވަނީ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާގެ ނަމުގައި ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން އަބޫ ދާބީގެ އީގަލް ހިލްސް އާއެކު ސޮއިކޮށްފަ އެވެ. އެ މަޝްރޫއު ހިންގުމަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ވަނީ ދީފަ އެވެ.
އޭގެ އިތުރުން ނ. އަތޮޅު ދިގުފަރު ފަޅާއި ދެކެނެންފަރާއި ކުރަމާދޫގައި ކްރިސްޓަލް ހޯލްޑިންސް ކުންފުނިން ވަނީ 790 މިލިއަން ޑޮލަރު ހަރަދުކޮށްގެން ޓައުންޝިޕް މަޝްރޫއެއް ފަށައިފަ އެވެ. މިއީ ރާއްޖޭގައި ހިންގާ ފުރަތަމަ ޓައުންޝިޕް މަޝްރޫއެވެ.
ރައީސް ވިދާޅުވީ, ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރަމުން އަންނައިރު, ކޮންމެ ދާއިރާއަކަށްވެސް ރާއްޖެއިން ބޭރުގެ ކަމާގުޅޭ އެކި ކަހަލަ ކާމިޔާބު ވިޔަފާރިތައް ރާއްޖެ އަންނާނެ ކަމަށެވެ.


