ދުނިޔޭގެ އުފާ ހޯދަން އުޅޭ މި ހަޔާތުގައި އާހިރަތުގެ ކާމިޔާބީއަށްޓަކައި ސާފުސީދާ ހިތެއްގެ ވެރިއަކަށްވާން އުޅޭށެވެ.

ދުނިޔޭގެ އުފަލާއި ޒީނަތްތެރިކަން ހޯދުމުގައި މަޝްއޫލުވެ އުޅޭ މި ހަޔާތުގައި އާހިރަތުގެ ކާމިޔާބީއަށްޓަކައި ސާފުސީދާ ހިތެއްގެ ވެރިއަކަށްވުމަށް މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

”އިސްލާމީ އަގީދާގެ މުހިންމުކަން“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް الله އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިއުމަތަކީ ސައްހަ އަގީދާގެ ނިއުމަތް ކަމަށާއި ސައްހަ އަގީދާއަކީ މުސްލިމެއްގެ ހުރިހާ އިބާދާތާއި ހެޔޮ އަމަލާއި ދުނިޔެއާއި އާހިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގާ ކަމަށެވެ. އެގޮތުން އެންމެންވެސް ހަމަޖެހުމާއި އުފާވެރިކަމަށް އެދުނު ނަމަވެސް ޒަމާން ތަރައްގީވެ, މާއްދީ ފަސޭހަތައް މިއަދު އިތުރުވެފައިވިޔަސް ނުވަތަނަވަސްކަމާއި ހިތާމައާއި އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިހާނުތަކާއި މުސީބާތްތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތީ މާތް اللهގެ ރަސޫލުންނާއި ނަބިއްޔުންނަށް ކަމަށާއި ހާއްސަކޮށް މި އުންމަތުގެ މާތް ނަބިއްޔާއަށް އެތައް ދަތިތަކަކާއި ތަކުލީފުތަކާއި އަނިޔާވެރިކަމާއި ފުރައްސާރައާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.

އޭގެ އިތުރުން އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ބޭފުޅުން ވަކިވެދިއުމުގެ ހިތާމަ އާއި ބަނޑުހައިހޫނުކަމާއި ފަގީރުކަމުގެ ދަތިކަންވެސް ތަޖުރިބާކުރެއްވި ނަމަވެސް އެކަލޭގެފާނު ދެމިހުންނެވީ ކެތްތެރިކަމާއެކު މާތް اللهގެ މިންވަރުފުޅަށް ރުހިވަޑައިގެންވާ ހާލުގައި ކަމަށް ބުންޏެވެ.

ބާއްޖަވެރިކަމާއި ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ, އުހުރަވީ ހަޔާތް ވިއްކާލައިނީ ކިތައް މީހުންތޯ ސުވާލުކޮށް ހުތުބާގައި ބުނީ, ބޭރުފުށުން ރީތިކޮށް ދެއްކުމަށް އަހަރެމެން މަސައްކަތް ކުރާއިރު, އެތެރެފުށުގެ ހާލާމެދު ފިކުރު ނުކުރާ ކަމަށެވެ. ނަމަވެސް ދުންޔަވީ ހަޔާތް ފާގަތިކުރުމަށާއި މުދަލާއި ދަރީންގެ މުސްތަގުބަލަށްޓަކައި މަސައްކަތްކުރާ ފަދައިން, އާހިރަތުގެ ބާއްޖަވެރިކަމަށްޓަކައި ހިތުގެ ހާލަތު ރަނގަޅުކޮށް ހަރުދަނާ އަގީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތް ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

އަދި ހުތުބާގައި ވަނީ އިސްލާމީ އަގީދާއަކީ މައިންބަފައިންގެ ފަރާތުން ވާރުތަވަމުން އަންނަ ތަރިކައެއްގެ ގޮތުގައި ބަލައި, އެ މަތިވެރި ނިއުމަތާމެދު އިހުމާލުނުވުމަށްވެސް ގޮވާލި އެވެ.