މަސްޖިދުލްހަރާމް. (ހަރަމްފުޅު)ގެ އިމާމު އަދި ހަތީބު ޝައިހް ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް އެކަން އިއުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ, ޝައިހް ޑރ. ޔާސިރް ރާއްޖެ ވަޑައިގަންނަވަން ފުރަތަމަ ހަމަޖެހިފައި އޮތީ މި މަހު ބޭއްވި ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއަށް ކަމަށެވެ. ނަމަވެސް އެ ތާރީހަށް ވަޑައިގެންނެވޭ ގޮތް ނުވީ ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ޑރ. ޔާސިރް ރާއްޖެ ވަޑައިގަންނަވާނެކަން ސައުދީ އަރަބިއާގެ ފޮރިން މިނިސްޓްރީން އަންގާފައިވީ ނަމަވެސް ރާއްޖެ ވަޑައިގަންނަވާނެ ތާރީހު ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.
މިއީ 42 އަހަރު ފަހުން ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރަށް ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ ހަރަމްފުޅުގެ އިމާމު ޝައިހް މުހައްމަދު އައްސުބައްޔިލެވެ.
ހަރަމްފުޅުގެ އިމާމު ޑރ. ޔާސިރު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު, މިދިޔަ އަހަރު މަސްޖިދުއްނަބަވީގެ އިމާމު ޝައިހް ޑރ. ސަލާހުލް ބުދައިރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.


