ތިން ވުޒާރާ އަދާހުލިވި ހާދިސާ: ގަސްތުގައި ރޯކޮށްލާފައިވާކަމުގެ އެއްވެސް ކަމެއް ފާހަގަވެފައިނުވޭ: ފުލުހުން

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ ޓިނު ބިލްޑިންގައި އަލިފާން ރޯވެ އަދަމުންދަނީ

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުންގެންދިޔަ ޓިނު ބިލްޑިންގާއި ގްރީން ބިލްޑިންގްގައި ރޯވި އަލިފާނުގެ ހާދިސާގައި މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުތަކުން އެއްވެސް މީހަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ އެއްވެސް ކަމެއް ފާހަގަވެފައިނުވާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެގެ 12 ވަނަ ދުވަހު ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އެއްކޮށް އަނދައިގެން ދިޔަ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ތަހުގީގަށް ހޯދިފައިވާ މަޢުލޫމާތު ތިންއަހަރު ފަހުން ނޫސްވެރިންނާ މިއަދު ހިއްސާކުރައްވާފައެވެ.

އެގޮތުން އެދުވަހުގެ ފަތިހު 05:33 އިން ފެށިގެން 07:17 އާއި ދެމެދުގެ ވީޑިއޯ ފޫޓޭޖާއި ބައެއް ފޮޓޯތައްވަނީ ހިއްސާކުރައްވާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހައުންސިންގ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ ހުންނަ ދެއިމާރާތުގެ ދޭތެރެއިން ހައުސިންގ މިނިސްޓްރީގައި ފުރަތަމަ އަލިފާން ރޯވެފައި ހުއްޓާ ފެނިފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސެކިއުރިޓީއަށެވެ. އަދި ސެކިއުރިޓީ އޮފިސަރަށް ގުޅަންވީ އިދާރާއެއް ނޭނގޭތީ މަގުމަތިން ފެނުނު އެމްއެންޑީއެފްގެ އޮފް ޑިއުޓީގައި ހުރި އޮފިސަރެއް ހުއްޓުވާ އެކަން ހިއްސާކުރުމުން އެއޮފިސަރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއަށް އަންގާ ދެއިމާރަތް ދޭތެރެއިން ފެނުނު އަލިފާން ނިއްވާލާފައިވާކަން ފުލުހުންގެ ވީޑިއޯއިން ފެނެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް 06:17 ހާއިރު ގުޅާފައިވާއިރު ފަޔަރ ފައިޓަރުން ސީންއަށް 06:35 ގައި އައިސްފައިވާކަން ވީޑިއޯއިން ފެނެއެވެ. އިމާރާތުގައި އަލިފާން ރޯވެފައިވާތަނެއް ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށް ހައުސިންގ މިނިސްޓްރީގެ ތިރީ ފަންގިފިލާގެ ސީލިން އަދި ފުރަތަމަ ފަންގިފިލާގެ ޑެކުގައި ރޯވެފައި ހުރިތަން ފެނުމުން ނިއްވާލާ މަންޒަރުވެސްވަނީ ފެނިފައެވެ.

ފުލުހުންވަނީ މިހާދިސާގައި އަލިފާން ރޯވެފައި ހުރިތަން ހޯދުމަށް އެންމެ ދަތިވީ އިމާރާތުގެ ކަރަންޓު ވަޔަރިންގެ މަސައްކަތްކޮށްފައިވާ ގޮތުންކަމަށެވެ. އަދި ނަރުތަކުގެ ފޮރެންސިކް ތަހުލީލުތަކުން ގިނަ މައްސަލަތަކެއް އޭގައި ހުރިކަން ފާހަގަވެފައިވާއިރު، އެއިމާރާތުގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓު މައްސަލަ ހުރިކަން ތަހުގީގުގައި މުވައްޒަފުން ހާމަކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިހާދިސާގެ ތަޙްގީގުގައި 14 ކެމެރާއަކުން 676 ގަޑިއިރުގެ ފުޓޭޖް އެނަލައިޒްކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ އަލިފާން ރޯވި ދުވަހުގެ ކުރީ ރޭ އެއޮފީސް ބަންދުކުރުމާއި އަދި އަނެއް ދުވަހު އޮފީހުގެ މުވައްޒަފުން އޮފީހަށް އައުމާ ދެމެދު އިތުރު އެއްވެސް ފަރާތަކުން އެއިމާރާތަށް ވަދެފައިނުވާކަން ތަހްގީގުން އެނގިފައިވާކަމަށެވެ.