ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ”ގެދޮރުވެރިޔާ“ ހައުސިން މަޝްރޫއުގެ ދަށުން ހަދަމުންދާ 4،000 ފުލެޓް މަސައްކަތް ނިންމުމަށް 30 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ފުލެޓުތަކުގެ މަސައްކަތް ނިންމަން ބޭނުންވާ އެ 30 މިލިއަން ރުފިޔާ ލިބޭނެ ގޮތެއް ނެތް ކަމަށެވެ.
”ކަރަންޓު ލާކަށް ފައިސާއެއް ނެތް، ފެން ގުޅާކަށް ފައިސާ ނެތް، ސެކިއުރިޓީއެއް ހިމެނިފައި ނެތް. ސަރުކާރުން އެތަނަށް ވައްދާނެ މީހުން މިއަދު ވެސް ނިންމި ދާނެ. އެހެން ނަމަވެސް ވަދެވޭނެ ގޮތެއް އަދިވެސް ނެތް. އަދިވެސް އެ ފައިނޭންސް ހަމަޖެހޭނެ ގޮތް ނެތް،“ ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ކުރީ ސަރުކާރުން ހައުސިން މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ދޯދިޔާ ގޮތެއްގައި ކަމަށެވެ. އެގޮތުން 4،000 ފުލެޓުގެ މަސައްކަތް އެފްޑީސީ މެދުވެރިކޮށް ހިންގަން ހަވާލުކުރީ
އެ މަޝްރޫއު ނިންމަން ކުރަންޖެހޭ ކަންކަން ކުރެވޭ ގޮތަކަށް ނޫން ކަމަށެވެ.
އެ މަސައްކަތް ނިންމަން އިތުރު 30 މިލިއަން ރުފިޔާ ބޭނުންވިޔަސް އެ ފައިސާ ހަމަޖެހޭނެ ގޮތެއް ވެސް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ މަޝްރޫއުގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ފުލެޓުތަކުގެ ތެރެއިން 2،000 ފުލެޓް ހެދުމަށް
ހަމަޖައްސާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 85 ޕަސެންޓުގެ އިތުރުން ދިވެހި ސަރުކާރުން 15 ޕަސެންޓު ދައްކާ ގޮތަށް ކަމަށް ވިޔަސް އެ ފައިސާ ނުދެއްކޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ގުޅުންހުރި
ފުލެޓް ލިސްޓަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތް: ހައުސިން
އަންނަ އަހަރު މާލޭގައި 15،000 ފްލެޓް އަދި ރަށްރަށުގައި 12،900 ފްލެޓް
އަންނަ ހަފުތާގައި ވަގުތީ ލިސްޓު ނެރޭނަން، އަހަރު ނިމުމުގެ ކުރިން ފްލެޓް
ހިޔާވެހި ސްކީމް ނުހުއްޓޭނެ، އަހަރަކު ދެ ބިލިއަން ރުފިޔާ ދޫކުރާނެ: ރައީސް
”ހިޔާވަހި“ ލޯން ސްކީމް ފަށައިފި، އިންޓަރެސްޓަކީ 5%؛ އަނބުރާ ދައްކަން 25
އަންނަ އަހަރު 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ހިންގާނަން: ރައީސް