އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯ އިން މަރާމާތު ކުރުމަށްފަހު އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ކުރަން ފެށި އެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒު ގޯތިތެރޭގައި ބޭއްވި ހަފުލާގައި މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
އެ ހަފުލާގައި ޝަހީމް ވިދާޅުވީ، ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާރީތިކޮށް ސްޓެލްކޯ އިން އެތަން ހަދާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެ ތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޝަހީމް ވަނީ، އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައި ވަނިކޮށް ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯ އިން އެ ތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެ ތަން ހުޅުވައިދެއްވި ކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.
ހަފުލާގައި ފަހުމީ ވިދާޅުވީ، ސައްތައިންސައްތަ ދިވެހިން މަސައްކަތް ކުރަމުން އަންނަ ސްޓެލްކޯގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާ ކަމަށާއި އެ ތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި ދިވެހިންގެ ތަރީހާއި ސަގާފަތާއި ގުޅޭ އެ ތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ އުއްމީދު ކަމަށްވެސް ވިދާޅުވި އެވެ.
ފަހުމީ ވަނީ އެ މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި އިސްލާމިކް މިނިސްޓްރީން ސްޓެލްކޯއަށް ދިން ކަމަށްޓަކައި، ޝުކުރު އަދާކޮށްފަ އެވެ. އަދި އެހާ ފުރިހަމަކޮށް އެ މަސައްކަތް ނިންމައި ދިންކަމަށްޓަކައި ކުންފުނީގެ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށްވެސް އެމްޑީ ޝުކުރު އަދާކުރެއްވި އެވެ.

4 Comments
ގުޅުންހުރި
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި
ހައްޖު ކޯޓާގެ ތެރެއިން ހައްޖު ކިޔުއިން ފުރުސަތު ދިނީ 850 މީހުންނަށް:
1 ޖޫންގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު އަދިވެސް
މައްސަލަ ހައްލުކޮށް، މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފި
ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިއްޖެ: ސްޓެލްކޯ
މުޅި މާލެ ސަރަހައްދުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ