ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއް ކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާންގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ތުހުމަތު ކުރަނީ އިމިގްރޭޝަންގެ ފަސް އޮފިސަރެއްގެ މައްޗަށް ކަމަށާއި އެ މައްސަލަ ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި އެ އޮފިސަރުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި، ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އިހުސާން ވިދާޅުވީ، އެ މައްސަލައިގެ އިތުރު ތަފުސީލުތައް ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
”ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާ ކަމެއް،“ އިހުސާން ވިދާޅުވި އެވެ.




ގުޅުންހުރި
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!