އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު ތުއްތު ފުލުހަށް ހާޒިރުކުރަނީ

މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު (ތުއްތު) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހަށް ހާޒިރުވާން އަންގައި އެ އިދާރާ އިން ޝާފިއުއަށް ފޮނުވި ޗިޓުގައި ބުނީ އެ މުއައްސަސާއިން ބަލަމުންދަނީ ނޮވެމްބަރު 8، ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް، އެކްސްގައި އޭނާ ކުރި ޕޯސްޓެއްގެ މައްސަލަ ކަމަށެވެ. އެ މައްސަލައިގައި އޭނާގެ ބަޔާން ނެގުމަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 1:30 ގަ އެވެ.

އެކަން ކުށްވެރިކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށެވެ. އެގޮތުން ރައީސްއާއި ސަރުކާރުގެ އިސްވެރިންގެ އަބުރުފުޅުގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

”ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ. ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،“ ފައްޔާޒުގެ ޕޯސްޓުގައިވެ އެވެ.

އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓެއް ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވި އިރު، ރައީސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބެލުމަށް އެލްޖީއޭ އިން ވަނީ އަންގައިފަ އެވެ.