ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ ރިޓަޔަމެންޓް ސްކީމުގެ ތެރެއިން، ވަޒީފާ އިން އަލަށް ރިޓަޔާކުރާ މުވައްޒަފުންނަށް ކޮންމެ މަހަކު ދޭ އެލަވަންސް ދިނުން އަންނަ ޖެނުއަރީން ފެށިގެން ހުއްޓާލަން އަންގައިފި އެވެ.
ފިނޭންސް މިނިސްޓަރު އަދި ޕޭ ކޮމިޝަނުގެ ރައީސް މޫސާ ޒަމީރު ސޮއިކުރައްވައި އިދާރާތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސަރުކާރުގެ ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން އަޅަން ނިންމާފައިވާ އެ ފިޔަވަޅުގެ ދަށުން އަލަށް މުސްކުޅިކުރާ މުވައްޒަފުންނަށް އިނާޔަތް ދިނުން ހުއްޓާލި ނަމަވެސް މި އަހަރުގެ ނިޔަލަށް ވަޒީފާ އިން މުސްކުޅިވެ މަހުން މަހަށް އިނާޔަތް ލިބޭ މުވައްޒަފުންގެ އިނާޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ ރިޓަޔަމެންޓް ސްކީމުގެ ތެރެއިން، ވަޒީފާ އިން އަލަށް މުސްކުޅިކުރާ މުވައްޒަފުންނަށް ކޮންމެ މަހަކު ދޭ އެލަވަންސް ދިނުން ހުއްޓާލަން ނިންމި އިރު، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދައުލަތުން ދޭ އަސާސީ ޕެންޝަން ދޭ ގޮތް ބަދަލުކޮށް، ތަނަވަސް މީހުންނަށް އެ ޕެންޝަން ނުލިބޭ ގޮތަށް ހަދަން ސަރުކާރުން ވަނީ ނިންމައިފި އެވެ.
މިހާރު އަސާސީ ޕެންޝަން ނިޒާމު އޮންނަ ގޮތުން، 65 އަހަރުން މަތީގެ އެންމެނަށް އަސާސީ ޕެންޝަންގެ ގޮތުގައި 5000 ރުފިޔާ ލިބެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގައި ދަރިމައިވުމުގެ ރޭޓު އާބާދީ ރިޕްލޭސްކުރެވޭ ވަރަށްވުރެ ދަށަށް ގޮސް، ދިރިހުންނާނެ ކަމަށް އަންދާޒާކުރެވޭ އުމުރު މައްޗަށް ގޮސް، 65 އަހަރުން މަތީގެ މީހުން މަސައްކަތްކުރާ އުމުރުފުރާގެ މީހުންނަށް ބަރޯސާވާންޖެހޭ މިންވަރު ލަފާކުރާ މިންގަނޑު މުސްތަގުބަލުގައި މައްޗަށް ދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
އެކަމުގެ ސަބަބުން ދައުލަތުގެ މުވައްޒަފުންނަށް ދޭ ރިޓަޔަމަންޓް އިނާޔަތް ދޭންޖެހޭ މުވައްޒަފުން ގިނަވެ، 65 އަހަރުން މަތީ އެންމެނަށް ދައުލަތުން ދޭ އިނާޔަތަށް ކުރަންޖެހޭ ހަރަދުތައް ހަލުވިކަމާއެކު ކުރިއަރާނެ ކަމަށްވެސް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އަންނަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް ދޭ ޕެންޝަނަށް 1.45 ބިލިއަން ރުފިޔާ އަދި ދައުލަތުގެ މުއައްސަސާތަކުން ރިޓަޔާވާ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން 325 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ޕޭ ހާމަނައިޒޭޝަނާއެކު ރިޓަޔަމަންޓް އިނާޔަތް ދިނުމުގެ އުސޫލު ތަންފީޒު ނުކުރެވިއްޖެ ނަމަ 2055 ވަނަ އަހަރު ޖުމުލަ 7.89 ބިލިއަން ރުފިޔާ ނުވަތަ އެ އަހަރުގެ ނޮމިނަލް ޖީޑީޕީގެ 2.8 ޕަސެންޓާ އެއްވަރުގެ އަދަދެއް ޕެންޝަން ސްކީމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރަންޖެހޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި އަންނަ އަހަރުގެ އޭޕްރިލް އިން ފެށިގެން ފޯރުންތެރިކަމަށް ބަލައި އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ތެރެއިން 65 އަހަރު ވެފައިވާ މީހުންނަށް އެކަނި މުސްކުޅިންގެ އެލަވެންސް ދޭން ނިންމާފައިވާ ކަމަށެވެ.
އެ ބަދަލުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ދެމުންދާ ’ޔުނިވާސަލް ބޭސިކް ޕެންޝަން‘ ބަދަލުވެގެންދާނީ ’ޓާގެޓެޑް‘ ޕެންޝަންގެ އިނާޔަތަކަށް ކަމަށްވެސް ބުންޏެވެ. ނަމަވެސް އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ގޮތުގައި ބަލާނީ އެންމެ މަތިން ކިހާ ވަރަކަށް ލިބޭ މީހުން ކަމެއް ބުނެފައެއް ނެތެވެ.
މީގެ އިތުރުން، ވަޒީފާއިން ރިޓަޔާވެގެން ލިބޭ ޕެންޝަނާއި ދައުލަތުން ދޭ އަސާސީ ޕެންޝަން ވެސް ލިބޭ މީހުން ގިނަވެ، ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
1 Comment
ގުޅުންހުރި
ތުހުމަތުތަކަށް އިންކާރު ކުރުމަށްފަހު ފަޒުލް އިސްތިއުފާ ދެއްވައިފި
ހަށިވިއްކާ 7 އަންހެނުން ހައްޔަރަށް، އެޖެންޓުގެ ގޮތުގައި ބަންގްލަދޭޝްގެ 2 ފިރިހެނުން!
މާލޭ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އުސޫލުން ބޭރުން އޭސީޕީ ރަޖުނީ ވިނަރެސް ފުލެޓް ހޯދި ކަމަށް ތުހުމަތުވާ
ބިންވެެރިޔާ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގޭނެ ކަމަށް ގަބޫލުނުކުރެވޭ: އެމްޑީޕީ
ފެންބޮޑުވުމުގެ ސަބަބުން މާލޭގެ ފަސް ގެއަކުން މީހުން ބަދަލުކޮށްފި