ސިނގިރޭޓު ހުއްޓާލަން ބޭނުންވާ މީހުނަށް ދޭ ބޭސް ހޮސްޕިޓަލްތަކުން ލިބޭނެ ގޮތް ހަދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ސިނގިރޭޓު ބުއިން ހުއްޓާލަން ބޭނުންވާ މީހުންނަށް ބޭނުންވާ ބޭސް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު ކެބިނެޓުގެ ލަފާގެ މަތިންނެވެ.

ރައީސް އޮފީހުން ބުނީ، އިއްޔެގެ ކެބިނެޓްު ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި ”ޓޮބޭކޯ ސިޒޭޝަން ކްލިނިކް“ ގާއިމުކުރެއްވުމަށާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއާގެ ހިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ހިދުމަތް ދިނުމަށް ރައީސް ހަމަޖެއްސެވި ކަމަށެވެ.

މި ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން، މުހިންމު ގިނަ އިސްލާހުތަކެއްވެސް ގެނެސްފަ އެވެ.

އެގޮތުން ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނާއި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުމަށާއި ވޭޕް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ.