’ބިންވެރިޔާ‘ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި އޮތް ނަމަވެސް ގޯތީގެ ރަޖިސްޓްރީއެއް ހެދި ކަމަށް ތުހުމަތުވާ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދުއާ ދުވަހަކުވެސް ބައްދަލުވެފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
’ބިންވެރިޔާ‘ ސްކީމުން ގޯތި ލިބުނު ލިސްޓުގައި ނެތް ނަމަވެސް ގޯތި ލިބުނު ކަމުގެ ރަޖިސްޓްރީ ދިނީ ކުރީގެ ސަރުކާރުން ކަމަށާއި އޭގެ ކުރިން އަކުރަމްއާ ބައްދަލުކޮށް ގޯތީގެ ވާހަކަ ދެއްކި ކަމަށް، ފަޒީލް ތަހުގީގުގައި ވިދާޅުވި ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.
ފަޒީލްއާ ހަވާލާދީ ފުލުހުން ދެއްކި ވާހަކަ ދޮގުކޮށް އަކުރަމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުސޫލުން ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލަ ފެންމަތިވުމުން އާންމުންގެ ސަމާލުކަން އަނބުރާލުމަށް ސަރުކާރުން ކުރަމުންގެންދާ ކަންކަމުގެ ތެރެއިން ރޭ ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސަކީ ސިޔާސީ ކަމެއް ކަމަށެވެ.
އެގޮތުން ގޯތީގެ ރަޖިސްޓްރީއެއް ކަމަށް ބުނެ ހަދާފައިވާ ލިޔުމަކާމެދު ސުވާލު އުފެދުމުންވެސް އެ ލިޔުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލެއްވެސް ނުހަދައި އެއީ ކުރީ ސަރުކާރުން ދޫކުރި ލިޔުމެއްގެ ގޮތުގައި ފުލުހުން އެ ވާހަކަ ދެއްކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށް އަކުރަމް ވިދާޅުވި އެވެ.
”ފުލުހުން އެ ބުނާ ފަޒީލްއާ އަޅުގަނޑާ ދުވަހަކުވެސް ބައްދަލުވެފައި ނުވެ އެވެ. އަދި، އެއްވެސް މުއާމަލާތެއް ވެސް އޭނާއާ ކޮށްފައި ނުވާނެ އެވެ. އެއްވެސް ކަމެއްގައި ބައްދަލުކުރަން އޭނާ އެދިފައެއްވެސް ނުވެ އެވެ. ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް އެއްވެސް ފަރާތަކަށް ކުރީގެ ހައުސިން މިނިސްޓްރީން ދޫކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ.‘ އަކުރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގައި އޭނާ އަދާކުރި މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން އޭނާއަށް ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.




20 Comments
ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން