ބިންވެރިޔާ ސްކީމުން ނުހައްގުން ގޯތި ދީފައިވާ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތުން ފެންނަނީ ސިޔާސީވެފައިވާ މަންޒަރު ކަމަށާއި އެ މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ހިންގާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ލީގަލް އެފެއާސްގެ ކުރީގެ އަންޑަ ސެކްރެޓަރީ އަޙްމަދު މައުރޫފް ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރަމުން ދަނީ މީގެ ކުރިން މިފަދަ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތަށް ނޫން ކަމަށެވެ.
”މިހާތަނަށް މީގެ ކުރީން އަމަލު ކުރި ގޮތެއްވެސް ނޫންއެއީ ތަހުގީގަކަށް މީހަކު ހާޒިރުކުރީމަ ވަކިން ޚާއްސަކޮށް މިހާރު އަޅުގަނޑުމެން މި ވާހަކަ ދެކެވޭ މައްސަލައިގަ ތުހުމަތުކުރެވޭ ފަރާތް، ކަނޑައެޅިގެން ފޯޖުކޮށްގެން ރަސްމީ ލިޔުންތަކެއް ކަމަށް ދައްކަން ވެގެން އަމިއްލަޔަށް ލިޔުމެއް ހަދައިގެން ތަނަކަށް ހުށަހަޅައިގެން ގޯއްޗެއް ހޯދާފައި އޮތް މީހަކު ފުލުހުންގެ އިދާރާއަށް ގޮސްދޭ މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ކަމަށް ބަލައިގެން ފުލުހުން ރައްޔިތުންނަށް އެ މައުލޫމާތު ދިނުމަކީ މިއަދު ފާހަގަކުރެވޭ ކަމެއް“ މައުރޫފު ވިދާޅުވި އެވެ.
މައުރޫފު ވިދާޅުވީ ފުލުހަށް ކުށެއްގެ ތުހުމަތުގައި ހާޒިރުކުރާ މީހާ ދޮގު ވެސް ހަދައިފާނެ ކަމަށާއި އެހެންކަމުން އެ ވާހަކަތައް ފުލުހުން ދެއްކުމަކީ ކޮށްވެގެންވާނެ ކަމެއް ނޫން ކަމަށެވެ.
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ސުވާލުކޮށްފައިނުވާ ކަމަަށް މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ މި ޒަމާނުގައި ޑޮކިއުމެންޓަކާ ގުޅޭ މައްސަލައެއް ބަލާއިރު، ޝާމިލުވާ މީހުންނާ ސުވާލުކުރުމުގެ ބަދަލުގައި އަމަލުކުރާ ގޮތަކީ ޑޮކިއުމެންޓްގެ ސައްހަކަން ކަށަވަރު ކުރުން ކަމަށެވެ. އަދި އެކަން ކުރާނޭ ގޮތްތައް ފުލުހުންނަށް އެނގޭނޭކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.
”މޯލްޑިވްސް ޕޮލިސް ސާވިސްގައި ހުރި ފޮރެންސިކް ލެބަކީ އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މި އޭޝިއާ ސަރަހައްދުގައި ހުންނަ އެންމެ ފެންވަރު ރަނގަޅު ލެބޯޓްރީތަކުގެ ތެރެއިން ލެބޯޓްރީއެއް. މި މައްސަލައިގަ ފުލުހުން އަމަލުކުރި ގޮތަކީ ކަނޑައެޅިގެން ޑޮކިއުމެންޓެއްގެ ސައްހަކަމާމެދު ސުވާލު އުފެދިފައި އޮއްވައި އޭގެ ސައްހަ ކަމާމެދު ތަހުލީލެއް ހެދުމެއްނެތި އެ ޑޮކިއުމެންޓާ ގުޅޭ ގޮތުން ވާހަކަ ދެއްކީ“ މައުރޫފު ވިދާޅުވި އެވެ.
”އެހެން ނަމަވެސް އެކަން ނުކުރައްވާ އެރެއިން އެރެއަށް އެއްޗެއް ބުނަންޖެހިގެން ސިޔާސީގޮތުން ނިއުސް ކޮންފަރެންސްއެއް ބާއްވާ އެ ވާހަކަތައް ދެއްކިކަމަށް އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ. އެހެންވީމަ މިކަމުގައި ފުލުހުން ދެން އިންސާފުވެރި ތަހުގީގެއް ހިންގަފާނެ ކަމަކަށް އަޅުގަނޑުމެން ދެން ގަބޫލުކުރާކަށް ބޭނުމެއް ނޫން“
މައުރޫފް ވިދާޅުވީ ސުވާލު އުފެދިފައިވާ ޑޮކިއުމެންޓްގެ ރަނގަޅު ފޮރެންސިކް ތަހުގީގެއް ހެދުމަށްފަހު އޭގެ ރިޕޯޓް ހާމަކުރަން ފުލުހުންނަށް ނުކުރޭނެ ކަމަށެވެ.
ގުޅުންހުރި
އުސޫލުން ބޭރުން އޭސީޕީ ރަޖުނީ ވިނަރެސް ފުލެޓް ހޯދި ކަމަށް ތުހުމަތުވާ
މާލޭގައި އޮތް ފަޒީލްގެ ބިމުގެ އެއްބައި މިހާރުވަނީ އަނބިމީހާއަށް ހިބަކޮށްދީފައި!
ސީމެކްސްގެ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލި ކަމަށް ބުނެވުނީ އޮޅުމަކުން: އެމްއެންޑީއެފް
ގެއްލުނު ނޭޕާލް ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި
ސައިކަލުގައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރިގަންނަން އުޅުނު މީހާ
ފަޒުލް އަދި އޭނާގެ ބޭބެ ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު