ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ ތަނަވަސްކަން މޫކޭގައި އެބަހުރި: ޕޮލިސް އިންޓެލް

އާރްޑީސީގެ ކުރީގެ މެނޭޖިން މޫސާ އަލި މަނިކު (މޫކޭ) އަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ ތަނަވަސްކަން ލިބިފައިވާ މީހެއް ކަމަށް ޕޮލިސް އިންޓެލިޖެންސް ރިޕޯޓްގައި ބުނެފި އެވެ.

ފުލުހުން އެދިގެން ކުރިމިނަލް ކޯޓުން ވަނީ މޫކޭގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް އިއްޔެ ނެރެފައެވެ. އެ އަމުރުގައި ބުނެފައިވަނީ މޫކޭ ރާއްޖެއިން ބޭރަށް ފުރައިފާނެކަމުގެ އިންޓެލިޖެސަށް ގަބޫލުކުރެވޭ ކަމަށާައީ އެއީ އޭނާގެ ކިބައިގައި އެތަނަވަސްކަން ހުރުމުގެ ސަބަބުން ކަމަށެވެ.

ކޯޓު މޫކޭގެ ޕާސްޕޯޓް ހިފެހެއްޓީ އެ އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށެވެ.

އާރްޑީސީއާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މީގެކުރިން މޫކޭއާއި ޔާސިރު ދިރިއުޅޭތަން ބަލައި ފާސްކޮށް އިލެކްޓްރޯނިކް ބައެއް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ކުރިމިނަލް ކޯޓުން މޫކޭ ދިރިއުޅޭތަން ބަލައިފާސްކުރުމަށް ނެރުނު އަމުރުގައި ވަނީ އާރުޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު މޫކޭ ވަނީ ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށް، އަމިއްލަ މަންފާ ހޯއްދަވާފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ތަހުގީގަށްޓަކައި މޫކޭގެ ހަށިގަނޑާއި، އޭނާ ބޭނުންކުރައްވާ މޯބައިލް ފޯނުތަކާއި، އިލެކްޓްރޯނިކް ޑިވައިސްތަކާއި، ސިމްކާޑުތަކާއި އަދި ހެކި ގަރީނާގެ ގޮތުގައި ބެލެވޭ އެހެނިހެން ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.