ޖެނުއަރީ 3, 2025

ރާއްޖެ-ޗައިނާގެ އެފްޓީއޭއަށް ބުދަ ދުވަހުން ފެށިގެން އަމަލުކުރަނީ

ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ ފްރީ ޓްރޭޑިން އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާގޮތަށް ނިންމައިފި އެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު، 2014 ގަ އެވެ. އެ އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ވަނީ ރުހުން ދީފަ އެވެ. އެއިރު އޮތީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މަޖިލީހެކެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށަން ތައްޔާރު ވެފައިވާކަން އިއުލާންކުރީ ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯ އާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައިވެރިވެރިވެވަޑައިގަތް އޮންލައިން ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި  ވަންގް ވެންޓާއޯ ވިދާޅުވީ ޗައިނާ އާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ދެ ގައުމު ކަމަށާއި ފާއިތުވި އަހަރުތަކުގައި އިގްތިސާދީ ގުޅުން ވެސް ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ،  ޗައިނާ އާއި ރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން ދެ ގައުމުން ވެސް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ގިނަ ފައިދާތަކެއް ދިވެހިންނަށް ކުރާނެ އެވެ. އޭގެ ތެރޭގައި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ މާފުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޗައިނާގެ އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި ފަސޭހައިން ރާއްޖެއަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު އަމިއްލަ ފަރުދުންނާއި ދިވެހި ވިޔަފާރިތަކާއި ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ. އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ އުފެއްދުންތައް ވެސް ޗައިނާގެ މާކެޓަށް ނެރުމަށް މި އެއްބަސްވުމުން ބޮޑު ފަސޭހައަކަށް ވާއިރު، އޭގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއިން ބޭރުގެ ގައުމަކާ އެކު ހެދި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.