ކީރިތި ގުރުއާން ކިޔެވުމާއި ކީރިތި ގުރުއާނުން މީހާ ޒީނަތްތެރިވުމަކީ ވާޖިބެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދު ހުކުރު ހުތުބާ ބުނީ ކީރިތި ގުރްއާނަކީ މާތް ﷲ އެކަލާނގެ ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމުއަށް ބާވައިލެއްވި، އެކަލާނގެ ކަލާމްފުޅު ކަމަށެވެ. ހުތުބާގައި ބުނީ ގުރްއާނުގައިވާ އެންމެހައި ކަމެއް ތެދުކުރުމާއި، މަޑުމައިތިރިވުމާއި ކެތްތެރިވުން ހިމެނޭ ކަމަށެވެ. އަދި ގުރްއާނުގެ އަހުލާގުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ސަވާބު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
”ކީރިތި ގުރްއާން ކިޔެވުމާއި ގުރްއާނަށް އަމަލުކުރުމަކީ، އަހުރެމެންގެ މައްޗަށް ވާޖިބު ކަމަކަށްވީ ހިނދު، ގުރްއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބު ކަމެކެވެ. އެގޮތުން ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމަކީ އެންމެ ފުރަތަމަ ޒީނަތެވެ. ދެވަނަ ޒީނަތަކީ ﷲއަށް ބިރުވެތިވުމުގައި ތިމާގެ ނަފުސު ޒީނަތްތެރިކުރުމެވެ.“ ހުތުބާގައި ބުންޏެވެ.
ގުރުއާނަކީ އިންސާނުންނަށް ތެދުމެދު ދެއްކުމަށްޓަކައި ބާވައިލެއްވި އިލާހީ ގާނޫނު ކަމަށާއި މުސްލިމުން ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަންވާނީ ގުރުއާނުގެ މައްޗަށް ކަމަށް ހުތުބާގައި ބުންޏެވެ.
އަދި ދަރީންނަށް ގުރްއާން އުނގަންނައިދީ، އެކުދިންގެ ހިތްތަކުގައި ކީރިތި ގުރްއާނުގެ ލޯބި އަށަގަންނުވައި، އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
ގުރްއާނަކީ ބަލާއަތްތެރިކަމާއި ފަޞާޙަތްތެރިކަމުގައި ވެސް މުއުޖިޒާތެކެވެ. ޖާހިލީ ޒަމާނުގައި އަރަބީންގެ ތެރޭގައި އުޅުނު އެންމެ ފަޞާޙަތްތެރީން ވެސް ވަނީ އެފަދަ ގުރްއާނެއް ގެނައުމަށް ނުކުޅެދިފަ އެވެ. ކީރިތި ގުރްއާން ބާވައިލެއްވީ الله تَعَالَى އެފޮތުގެ ކުރިން ބާވައިލެއްވި ހުރިހައި ފޮތްތަކެއް ތެދުކުރަނިވި އަދި އެ ފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއްގެ ގޮތުގައެވެ.“ ހުތުބާގައި ބުންޏެވެ.
ނަމަވެސް، މިއަދު މުސްލިމުންނަށް ގުރްއާން ކިޔަވައި ތިލާވަތު ކުރުމާއި، އެ ފޮތަށް އަމަލުކުރުން އުނދަގޫ ކަމަކަށްވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ދީނާ ދުރުވެފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.




ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ