ޗައިނާގެ ސީޕީސީ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ ޑިރެކްޓަރ، ހާރިޖީ ވަޒީރު ވާންގް ޔީ، ރާއްޖެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވާންގް ޔީއަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގައި ހޭދަކުރައްވާ ވަގުތަކީ އުފާވެރި ވަގުތަކަށްވުމަށް އެދިވަޑައިގެންފައެވެ. އަދި، ދެ ގައުމުގެ މެދުގައި އޮތް ގާތްގުޅުމާއި ޗައިނާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމާ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުުރުފުޅަކީ މި ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ދަތުރުފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ދެގައުމުގެ މެދުގައި އެއްބަސްވެފައިވާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން ގެދޮރުވެރިކަމާއި މަގުހެދުމުގެ މަޝްރޫއުތަކަކީ ދިވެހި ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއުތައްކަމަށާއި، އެމަޝްރޫއުތަކަށް އިސްކަންދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ރައީސް ވަނީ ވަންގް ޔީ އާ މަޝްވަރާކުރައްވައިފަ އެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއާތްތަކަށް އިގްތިސޯދު ސިންދަފާތުކުރުންކަމަށާއި، އެދާއިރާތަކުން ޗައިނާގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.
ވަންގް ޔީ ވަނީ އެ ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ރައީސް ދެއްވާ އަހަންމިއްޔަތަށް ތައުރީފު ކުރައްވައިފަ އެވެ އަދި، ރައީސް އަކީ ޗައިނާގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި ޗައިނާއަށް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށްވެސް ވިދާޅުވި އެވެ. ވަންގް ޔީ ވަނީ ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސްކުރުމަށް ބާރުއަޅުއްވާނޭކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ”ވަން ޗައިނާ“ ޕޮލިސީއަށް ރާއްޖޭން ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ރާއްޖެ ޗައިނާ ގުޅުމަކީ ގައުމުތަކުގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ގުޅިގެން ތަރައްގީ އާއި ފުދުންތެރިކަން ހޯދޭނެކަމުގެ އަލިގަދަ ހެއްކެއްކަމަށް ވަންގް ޔީ ވިދާޅުވި އެވެ.




ގުޅުންހުރި
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި