މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން ކުޑަކުއްޖަކު ނުވެއްޓި ކިރިޔާ ސަލާމަތްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ގެއެއްގެ ފަސްވަނަ ފަންގިފިލާގައި ހުޅުވާފައި ހުރި ކުޑަދޮރެއްގެ މަތީގައި އިށީނދެގެން އިން ކުޑަކުއްޖަކު އެ ދޮރުން ތިރިއަށް ފައިބަން މަސައްކަތްކުރާ މަންޒަރެވެ. ދެފައި އެއްކޮށް ކުޑަދޮރުން ބޭރަށް އެލުވާލާ މަންޒަރުވެސް ވީޑިއޯއިން ފެނެ އެވެ.
އެއިރު މަގުމަތީގައި ތިބި ބަޔަކު ހަޅޭލަވާ އަޑު ވެސް އިވެ އެވެ.
އޭގެ ފަހުގައި ކުޑަދޮރުން ގޭތެރެއަށް ކުޑަކުއްޖާ ދަމައިގަންނަ މަންޒަރު ފެނެ އެވެ.



