ފުވައްމުލަކު ސިޓީގެ ޑްރަގް ނެޓްވޯކުތައް ނައްތާލެވިއްޖެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ޕީއެސްއެމުން ބޭއްވި ފޯރަމެއްގައި އިހުސާން ވިދާޅުވީ ފުލުހުން ގެންދަނީ މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތައް ކުރިއަށް ގެންދަމުން ކަމަށެވެ. އެ އޮޕަރޭޝަންގެ ބޭނުމަކީ އަތޮޅު ތެރޭގައި އޮޕަރޭޓް ކުރަމުންދާ ޑްރަގް ނެޓްވޯކުތައް ނައްތާލުން ކަމަށެވެ.
”މިދިޔަ އަހަރު އެއް އަތޮޅު އަޅުގަނޑުމެންނަށް ކާމިޔާބުކަމާ އެކު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ނިންމާފައި. ޏ އަތޮޅު ފުވައްމުލައް،“ އިހުސާން ވިދާޅުވި އެވެ.
”ފުވައްމުލަކުގައި ޑްރަގު ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން މީހުންނަށް ޑްރަގު ދެމުން ގެންދާ ތަންތަން އެއްކޮށް ހުއްޓުވައި އެކަންކަން ކުރަމުން އައި މީހުން ހިފައި ހައްޔަރުކޮށް، އޭގެ އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު އެ ދަނީ ދެމުން.“
ފުލުހުން ވަނީ މިއަހަރު ތެރޭގައި ވެސް އޮޕަރޭޝަންތަކެއް ހިންގައިފައި ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ 2023 ވަނަ އަހަރު 600 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު މި ސަރުކާރު ހަވާލުވީ ފަހުން މިދިޔަ އަހަރުގެ ތެރޭގައި 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި ބޯޑަރުތަކުގައި މަސްތުވާތަކެތި އެތެރެކުރަން ގެންގުޅޭ މަގުތައް ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަތޮޅުތެރޭ ފުލުހުން މިދިޔަ އަހަރުގެ ޖެނުއަރީ 14 ގައި ފެށި ”އޮޕަރޭޝަން ވެށި ރައްކަލް“ ގައި މިހާތަނަށް 4،048 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވާފައިވެ އެވެ. އޭގެ ތެރެއިން 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.




ގުޅުންހުރި
މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ
އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއާލައިނަކަށް ބްރިޓިޝް
ގޯލަކާއެކު ވެސް ރައީސްގެ ޓީމަށް ނާކާމިޔާބީ، އިންފަންޓީނޯގެ ޓީމު މާ ވަރުގަދަ!
މާތް ﷲގެ ވަލިއްޔުންގެ ދަރަޖައަކީ ނަބިއްޔުންނާއި ޝަހީދުންވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެކެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި
ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް ޔާމީން އެކަނި