ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓި ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރި މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.
އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ފެށިއިރު ދައުލަތުން އިއްޔެގެ އަޑުއެހުމުގައި ވިދާޅުވެފައިވަނީ އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިދީފައިނުވާ ކަމަށެވެ. ދައުލަތުން ވިދާޅުވެފައިވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެއް ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް ވެސް މާނަކުރަންޖެހޭނީ އެގޮތުގެ މަތިން ކަމަށް ދައުލަތުން ވިދާޅުވެފައިވެ އެވެ. ގާނޫނުއަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ގެންނަ އިސްލާހުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށް ދައުލަތުން ވިދާޅުވެފައިވެ އެވެ.
މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތުން ފާހަގަކުރާ އިޖުރާއީ ނުކުތާއާ ގުޅިގެން ދައުލަތަށާއި މަައްސަލަ ހުށަހެޅި ފަރާތަށް ސުވާލުކޮށްފަ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އިޖުރާއަތްތަކެއް ހުންނަކަން ފާހަގަކޮށް، އެކަންކަން ފުރިހަމަކުރިތޯ ދައުލަތާ ސުވާލު ކުރައްވައިފަ އެވެ. ދައުލަތުން ވިދާޅުވެފައިވަނީ މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކޮށްގެން، ފާސްކުރަން ބޭނުންވާ މިންވަރަށް މެންބަރުން ވޯޓު ދީގެން ކަމަށެވެ.
ދައުލަތުގެ އެ ޖަވާބާ ގުޅިގެން އަލީ ހުސައިން ވިދާޅުވީ ބަލާބެލުމަށް ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ފެންނަ ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީއަށް އިސްލާހު ގެނައިރު، އެއް ދުވަސް ތެރޭ ބިލް ހުށަހަޅައި، އެއަށް ބަހުސްކޮށް ކޮމިޓީ މަރުހަލާ ނިންމައި މަޖިލީހުން ބިލް ފާސްކުރި ކަމަށާއި އަދި އެ ދުވަހުން ދުވަހަށް އިސްލާހު ތަސްދީގު ކުރެއްވުމުން އެންމެ ރަނގަޅަށް އިޖުރާއަތްތައް ފުރިހަމަނުވާކަން އެނގޭ ކަމަށެވެ.
ފަނޑިޔާރު މަހާޒު އަލީ ޒާހިރު ދައުލަތާއި ކުރެއްވި ސުވާލުގައި ވިދާޅުވީޫ މި މައްސަލަ ކޯޓުން ބަލައިފި ނަމަ، އެއީ ކޯޓަށް ނެތް ބާރެއް ބޭނުންކުރުން ކަމަށް ވެދާނެތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ މިއީ ދުސްތޫރީ މައްސަލައެއް ކަމަށާއި މި މައްސަލައިގައި ހުރީ ގާނޫނީ އަދި ދުސްތޫރީ ސުވާލުތަކެއް ކަމަށެވެ. އެފަދަ ދުސްތޫރީ ސުވާލުތަކާ ގުޅޭ މައްސަލަތަކުގެ އިހްތިސޯސް ސުޕްރީމް ކޯޓަށް އޮންނާނެ ކަމަށެވެ.
މައްސަލަ ހުށަހަޅައިފައިވަނީ ރާއްޖޭގައި މި އޮތް ރިޔާސީ ނިޒާމްގެ ތަރުތީބު ގެއްލިގެންދާތީ އެކަމާ ގުޅޭ ގޮތުން ކަމަށާއި އެހެންކަމުން އެ ހާލަތުގައި ސުޕްރީމް ކޯޓަށް މި މައްސަލަ ބެލޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ސުވާލުތަކަށްފަހު ޝަރީއަތް ވަނީ ގާތްގަޑަކަށް 30 މިނިޓަށް މެދުކަނޑާލައިފަ އެވެ. އަލުން ޝަރީއަތް ފައްޓަވައިދެއްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތުން މި މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާހެއް ފާހަގަ ކުރެއްވި ކަމަށެވެ. އެ އިޖުރާއީ ނިންމުމާމެދު ފަނޑިޔާރުންގެ ބެންޗުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމާފައިވަނީ މި މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގައި ޖަވާބު ހުށަހެޅުމަށް ދައުލަތަށް 10 ދުވަހުގެ މުއްދަތެއް ދެއްވާ ކަމަށެވެ.

ގުޅުންހުރި
ހުއްޓިފައި އޮންނަތާ 11 މަސް ފަހުން ރައީސްގެ ޖަވާބު ސިލްސިލާ އަލުން
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝާހިދުގެ ނަން ކޮމިޓީން ފާސްކޮށްފި
ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ސިނގިރޭޓްއާއި ފައިސާ ފޭރިއްޖެ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް
ތޮއްޑޫގައި ބަރަހަނާކޮށް އުޅުނު ޓޫރިސްޓަކު ހައްޔަރުކޮށްފި، ފުލުހުންނާ މާރާމާރީވެސް ހިންގި