ފެބްރުއަރީ 22, 2025

ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަނީ

ދާދިފަހުން ޓާޝަރީކުރި ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލަސިސް ސެންޓަރެއް ހެދުމަށް މެޑްޓެކާއާ ހަވާލުކޮށްފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، 90 ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމުމުގެ އެއްބަސްވުމުގައި ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. މެޑްޓެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަހުމަދު ހައިކަލެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ޑައިލިސިސް ސެންޓަރު ހަދަން މެޑްޓެކަށް އެއްވެސް ފައިސާއެއް ސަރުކާރު ނުދޭނެ ކަމަށެވެ. މެޑްޓެކަށް ދޭނީ އެ މެޝިނަރީޒް ހިންގަން ބޭނުންކުރާ ރީއެޖެންޓު ގަންނަން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެވެ.

އެއީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އާއްމުކޮށް އަމަލުކުރާ އުސޫލު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ، ހުޅުމާލޭގައި އާބާދީ އިތުރުވަމުންދާއިރު ސިއްހީ ބޭނުންތައް ފުއްދުމަށްޓަކައި ޑައިލިސިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުގައި މިހާރު ހުރީ ޑައިލިސިސް ހަދަން 10 އެނދެވެ. ކިޑްނީ ބަލީގެ މީހުންނަށް ހާއްސަކޮށްގެން ހަދާ ސެންޓަރު ބޭނުންކުރަން ފެށުމުން، ކުރީގެ ޖާގަ އެހެން ފަރުވާއަކަށް ބޭނުންކުރާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.