މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ’ގެދޮރުވެރިޔާ‘ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު މި ހަފުތާ ނިމުމުގެ ކުރިން ނެރޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފްލެޓް ލިސްޓު ނެރުމަށް މި ސަރުކާރުން މިދިޔަ އަހަރު އެކި ތާރީހުތައް ދިން ނަމަވެސް އެ ތާރީހުތަކަށް ވެސް އެ ލިސްޓު އާންމު ކުރެވިފައެއް ނުވެ އެވެ. އެންމެ ފަހުން މިދިޔަ ނޮވެމްބަރު 16 ގައި ސަރުކާރުން ވަނީ ލިސްޓު އާންމުކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
އެގޮތަށް އޮއްވައި މިދިޔަ ޖަނަވަރީ ރައީސް ވަނީ ރޯދައިގެ ކުރިން ލިސްޓު ނެރެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން މި މަހު ކުރީކޮޅު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ މި މަހުގެ ތެރޭގައި ލިސްޓު ނެރޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ, މި މަސް ނިމުމުގެ ކުރިން ފްލެޓް ލިބޭ މީހުންގެ ލިސްޓު ނެރުމަށް ސަރުކާރުން ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
”މި ހަފުތާ ތެރޭގައި, މި ހަފުތާ ނިމުމުގެ ކުރީގައި އަޅުގަނޑު ރިޔާސީ ބަޔާނުގައި ޔަގީންކަން ދިން ގޮތަށް އެ 4,000 ޔުނިޓުގައި ބަލަންޖެހޭ މައްސަލަތައް ބަލާފައި, އެ ލިސްޓު އިއުލާންކުރާނެކަމުގެ ޔަގީންކަން މިރޭވެސް ދިވެހި ރައްޔިތުންނަށް އަރުވަން. އެކަން އެގޮތަށް ދާނެ,“ ރައީސް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުގެ ދައުރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް ނެރުނެވެ. ނަމަވެސް ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން، އެ ދައުރު ނިމުނުއިރުވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ދައުވަތު ދީގެން މަންދޫއަށް ދިޔަ ރައީސްގެ ޓީމުން އެރަށު ޒުވާނުން ލަދުގަންނަވާލައިފި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް: