ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން ”ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު“ އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ބިލަށް ބަހުސް ކުރުމަށްފަހު ހަމަ މިއަދު މަޖިލީހުން ވަނީ އެ ބިލު ކޮމިޓީއަށް ފޮނުވައިފަ އެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި، 78 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެމްޑީޕީގެ 12 މެންބަރުން ބިލު ބަލައިގަތުމަށް ވޯޓު ނުދެއްވި އިރު، ޕީއެންސީގެ ދެ މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވުމަށް ފާސްކުރުމާއެކު މިއަދު ހަވީރު ވަނީ އެ ބިލު ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. ކޮމިޓީގައި ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އިސްލާހުތައް ހުށަހަޅައިފަ އެވެ.
މައުރޫފާއި ނާޒިލް ވިދާޅުވީ ދުސްތޫރީ ހައްސާސް މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް ގާނޫނަށް އެ އިސްލާހު ގެނައުމަކީ ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށާއި އަދި އިސްލާހު ގެނައުމުގެ ބޭނުމަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ. އަދި އޭޕްރީލް ފަހުކޮޅަށް ބިލުގެ މަސައްކަތް ނިންމުމަށް މައުރޫފް ހުށަހެޅުއްވުމެއްވެސް ހުށަހެޅުއްވި އެވެ. ނަމަވެސް އަށް މެންބަރުންގެ ވޯޓުން އެ ހުށަހެޅުން ފެއިލްކޮށްލި އެވެ.
އެންމެ ފަހުން ކޮމިޓީން ފާސްކުރީ ބިލު ހުށަހެޅި ގޮތަށް ހަތް މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ނާޒިލް އާއި މައުރޫފު ވޯޓު ދެއްވި އިރު ޕީއެންސީގެ މެންބަރުންގެ ތެރެއިން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ބިލު ފާސްކުރަން ވޯޓެއް ނުދެއްވަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ހުށަހެޅި ބިލުގައި ވަނީ، މިހާރު ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗު، އުއްތަމަ ފަނޑިޔާރާ އެކު ފަސް ފަނޑިޔާރުންގެ މައްޗަށް ބަދަލުކުރުމެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމުލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
މި ބިލު ގާނޫނަށް ވުމާ އެކު، ގިނަވެގެން ފަސް ދުވަސް ތެރޭ ވަކި ކުރާ ދެ ފަނޑިޔާރުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވަން ޖެހޭއިރު މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަސް ތެރޭ އެ މީހުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންޖެހެ އެވެ.
އަދި އެ ޓައިމްލައިންގައި އެކަންކޮށް ނިންމުމަށްޓަކައި މަޖިލީހުގެ ގަވައިދާއި އެހެން ގާނޫނުތަކުގައި ބައެއް ކަންކަމުގައި ބަލަންޖެހޭ މުއްދަތުތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް، އިސްތިސްނާއެއް ގެނައުމުގެ ބާރު މަޖިލީހަށާއި ޖޭއެސްސީސީއަށް ބިލުގައި ދީފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިވާ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މި ފެށީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމާފައިވަނިކޮށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ގުޅުންހުރި
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ބަލައި ފާސްކުރި ގެތަކުން އެއްވެސް އެއްޗެއް
ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަންވެސް ކޮމިޝަނެއް އުފައްދަން އާއިލާއިން އެދިއްޖެ
ރަސްމާލެ މަޝްރޫއު: އަހަރެއް ތެރޭ ހިއްކާ ނިމުނީ 10 ޕަސެންޓް!
ހިމާޔަތް ކޮށްފައިވާ ފިނޮޅެއްގައި އަލިފާން ގެންގުޅެ، އަޑުގަދަ ކުރުމުން 4 ލައްކަ
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް
އެއްވެސް ކަމެއް ފޮރުވާކަށް ނޫޅެން، އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކު މުހިންމެއް